ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، "ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" ޙަފްލާގައި ވާހަކަދައްވަމުންނެވެ.
ރައީސް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. މިންތީ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖުތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަޢުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19ގެ ވަބާ ކުރިމަތިވެ، އިޤްތިޞާދު އަޑިއަޅާލައިގެން ދިޔައީ، 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށިތަނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އޭގެ ސަބަބުން އެ ޕްލޭން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އެހެންކަމުން، އެ ޕްލޭންގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް މިހާރު އެކުލަވާލާފައި ވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މިދެންނެވި ލިސްޓުގައި ކުރުމަށް ކަނޑައަޅާފައިވާ އެއްކަމަކީ، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން. މިއީ ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް. ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީ ހަމަހަމަކަން ކަށަވަރުކުރުމަކީވެސް މި ޕްލޭންގެ ވަރަށް މުހިންމު ބައެއް.
ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި، ޒަމާނުއްސުރެ އަންހެނުން އަދާކުރަމުން އަންނަނީ، ވަރަށް ކުލަގަދަކޮށް ފާހަގަކުރެވޭވަރުގެ މުހިންމު ދައުރެއްކަން ރައީސްގެ ވާހަގަފުޅުގައި ފާހަގަކުރެއްވިއެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްއަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިންތީ ތަފާތުކުރުމެއް ނެތްކަން ފާހަގަކުރެވޭކަމަށެވެ. ޞިއްޙީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިއްޖެކަމަށާއި، ނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑުކަމަށް ފާހަގަ ކުރެވޭކަމުގައި ރައީސް ވިދާޅުވިއެވެ. މިތަފާތު ކުޑަކުރުމަށް، މިސަރުކާރުގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމުގައެވެ. ޙަޤީޤީ ތަރައްޤީ ފެށިގެން އަންނަނީ ރަށްރަށުގެ ކުދިކުދި މުޖުތަމަޢުންކަމަށާއި، އެންމެ މުހިންމީ، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުންކަމުގައި ރައީސް ވިދާޅުވިއެވެ.
މުޖުތަމަޢުގެ ކަންކަން ފިރިހެނުން ތަޖުރިބާކުރާ ގޮތާ މުޅިން ޚިލާފަށް އަންހެނުން ތަޖުރިބާކުރުމަކީ ވެދާނެ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެހެންކަމަށް ވަންޏާ، ކަންކަމާ މެދު އަންހެނުން ސުވާލު އުފައްދާ ގޮތްވެސް، އަދި އެ ސުވާލުން ނެރެން ބޭނުންވާ ނަތީޖާވެސް ތަފާތުވާނެކަމުގައެވެ.
ވިސްނުމާއި ތަޖުރިބާކުރުމާއި އިޙްސާސްކުރުމުގައި ހުންނަ މިފަދަ ތަފާތުތަކަށް ބަލާއިރު، ކަންކަން އިޞްލާޙްކުރުމަށް ނުވަތަ ބަދަލުކުރުމަށް އަންހެނުން ހުށަހަޅާ ހުށަހެޅުންތައްވެސް ތަފާތުވާނެކަމަށާއި، އޭގެ ފޭރާންވެސް ހެޔޮވެފައި އޮށްޓަރު ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މައްސަލަތަކަށް ހުށަހަޅާ ޙައްލުތައް ވެސް މުޖުތަމަޢުގެ ހާލަތާ އެކަށީގެންވާނެކަމަށެވެ.