ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ދައުރުން ބޭރުގައި  މާދަމާ ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

ހެނދުނު 10:00 ގައި ފަށާ މި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިއުލާނުކުރުމެވެ.

މި ޖަލްސާއާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީސް މިދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައިވަނިކޮށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަކީ ސަރުކާރުން ހިންގާ ޖަރީމާއެކެވެ.

ބަޔާނުގައި ބުނެފައިވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއްނެތިކަމަށެވެ.  މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފު ކަމެއްކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައިވަނީ، މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއްކަމަށެވެ. އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިޙްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއްކަމަށްވެސް ބުނެފައިވެއެވެ.

އަދި މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަޙްޤީޤީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެވެސް ބޮޑަށް ނުފޫޒު
ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި ބަޔާނުގައިވެއެވެ. އެހެންކަމުން އެކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައިވެއެވެ.

މަޖިލިހުގެ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަގާމަކުން ވަކިކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *