19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ، އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުން  މިރޭ 9:00 އަށް ހުޅިވިފައި އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސޮއިކުރައްވާފައެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް ޙުސައިން ވަޙީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގައި ލިޔުއްވާފައެވެ. އަދި އެމަނިކުފާނު ޙުސައިން ވަޙީދާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ޙުސައިން ވަޙީދުގެ ހިތްޕުޅު ހެޔޮކަމާއި، އެކުވެރި މަޖާ މިޒާޖު ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

އަދި އެމަނިކުފާނު ވަނީ ޙުސައިން ވަޙީދަކީ ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވިއިރުވެސް ހެޔޮލަފާދެއްވާ ވިސްނުންތެރި އަދި ދިމާވި އެކި ހުރަސްތަކާއި އަޑިގުޑަންތަކުން އަރައިގަތުމުގައި ކެރިގެން ކުރިމަތުލެއްވި ބޭފުޅުއްގެގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޙުސައިން ވަޙީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ޙުސައިން ވަޙީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޙުސައިން ވަޙީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.  ޙުސައިން ވަޙީދުވަނީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރު ބައްޔަށް ފަރުވާހޯއްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *