ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަލްމަރްހޫމް  ހުސެއިން ވަހީދަކީ ތެދުވެރި، ހެޔޮއެދޭ ވަރަށް ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުސައިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޯމަދުވަހުގެ ރޭގައެވެ.

އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހުސައިން ދަންނަނީ ހަމައެކަނި ސިޔާސީ ގޮތުން ނޫންކަމަށެވެ. އެއީ ހެއޮޔެދޭ ވަރަށް ގާތް އެކުވެރިއެއްކަމަށެވެ.

ދުވަހަކުވެސް ހަނދާނުން ނުފިލާވަރުގެ ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި އެބަހުރި އެކުގަ. އެހަނދާންތައް އަބަދަށް ދެމިގެންދާނެ.

ރައީސް ވިދާޅުވީ ހުސައިންގެ ކުރު ހަޔާތުގައި ހޭދަކުރެއްވީ ވަރަށް އުފާވެރި ދުވަސްކޮޅެއްކަމަށެވެ. އެއީ ހަޔާތުގައި ދިމާވި ކޮންމެކަމެއްގައިވެސް އެންމެ ރަނގަޅު ގޮތްތައް ވިސްނަވާ ބޭފުޅެއްކަމަށާއި، އަބަދުވެސް ހުންނަވާނީ ހިތްހަމަޖެހިވަޑައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.  މި ސިފަތަކަކީ ހުސައިންގެ ފަރާތުން ފެނުނު އެންމެ ހަނދާނުން ފުހެލަން ދަތި ސިފަތައްކަމުގައި ރައީސް ވިދާޅުވިއެވެ.

ކިތަންމެ ބޮޑު ދައްޗަކާއި، އުނދަގުލެއް ކުރިމަތިވިނަމަވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ހުސައިން ގަބޫލުކުރައްވާނެކަމަށާއި، އަބަދުވެސް މަސައްކަތްކުރެއްވީ އެމަގުންކަމުގައި ރައީސް ވިދާޅުވިއެވެ.

ޙުސައިން އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން ދާއިރާއަށާއި ގައުމަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހުސެއިން އަކީ 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސުލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ އިތުރުން  މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ހުސެއިން މައްޗަށް ކަށުނަމާދުކޮށްފައިވަނީ އިއްޔެގެ މެންދުރު ނަމާދަށްފަހު އިސްލަމީ މަރުކަޒުގައެވެ. އަދި ފަސްދާނުލެވުނީ އާސަހަރާގައެވެ.

އޭނާގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބް ރައީސް އާއި މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

2
0
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *