ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖަޕާނުގެ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ދަޢުރުގައި ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާފައި މަސައްކަތްތައް ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަގޮތެއްގައި މާލޭގެ ކަނޑުތޮށި ލުމަށް ޖަޕާނު ސަރުކާރުން ދެއްވާފައިވާ އެހީއާއި ރާއްޖޭގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ޖަޕާނު ސަރުކާރުން ދެއްވަމުން އަންނަ ސްކޯލަރޝިޕް ފުރުޞަތުތައް  ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ރާއްޖޭގައި ހުންނެވި މުއްދަތުގައި، ދިވެހިސަރުކާރުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޖަޕާނުގައި ރާއްޖޭގެ މުއްސަނދި ސަޤާފަތް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކޮވިޑް-19އާ ގުޅިގެން ޖަޕާނު ސަރުކާރުން 5 ބިލިއަން ޔެން ގެ އެހީތެރިކަން ރާއްޖެއަށް ދެއްވާފައިވާތީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނު ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން މިއީ ޖަޕާނު ސަރުކާރުން މިހާތަނަށް ރާއްޖެއަށް ދެއްވި އެންމެބޮޑު ކޮންސެޝަނަލް ލޯނުކަން ފާހަގަކުރައްވައި، މިއީ ޖަޕާނު ސަރުކާރުގެ ދީލަތިކަމާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ޖަޕާނުގެ ސަފީރު ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެ ބޭފުޅުންގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކުރިޔަށް އޮތް 2022 ވަނަ އަހަރަކީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *