އަބަދުވެސް ތެދުވާނީ، ޞައްޙަ، ވަކިފަރާތަކަށް ނުޖެހޭ ވާހަކަތައް ރިޕޯޓްކުރުމުގެ ޙައްޤުގެ ދިފާއުގައިކަމުގައި އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ފުރުމާ ދިމާކޮށް އެމަނިކުފާނު ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި އޯޕަނިންގ ސްޓޭޓްމަންޓްގައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ނޫސްވެރިންގެ މަސައްކަތަކީ ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށާއި، އ.ދ.އިން ކުރާ ކަންތައްތަކާއި، ނުކުރާ ކަންތައް، މުޅި ދުނިޔެއަށް ކިޔަދެނީ ނޫސްވެރިންކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ތެދުވާނީ، ޞައްޙަ، ވަކިފަރާތަކަށް ނުޖެހޭ ވާހަކަތައް ރިޕޯޓްކުރުމުގެ ޙައްޤުގެ ދިފާއުގައިކަމުގައެވެ.
މިނިސްޓަރު ވަނީ، ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ ތަފްސީލް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކޮވިޑް-19އިން އަރައިގަތުމަށް ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެގޮތް ހެދުމަށް، އެންމެ ފުރަތަަމަ ދުވަހުން ފެށިގެންވެސް ވަކާލާތު ކުރަމުން އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތް ފަހަކަށް އައިސް އިތުރުކުރިކަންވެސް ފާހަގަކުރެއްވިއެވެ.
މިވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ވެކްސިންއާ ބެހޭގޮތުން އާ އަހަރުގެ "ރެޒޮލިއުޝަން" އެއް. އަޅުގަނޑުގެ އުންމީދަކީ، މިއަންނަ ޖެނުއަރީގައި ނިއުޔޯކްގައި ބާއްވާ ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ އަށް 193 މެމްބަރު ގައުމުތައް މިކަމާ ގުޅިވަޑައިގަތުން. އެ ހަރަކާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، ވެކްސިންގެ މައްސަލައަކީ އަޅުގަނޑުމެން އެންމެންނަށް އޭގެއިން ފައިދާލިބި އަސަރުކުރާ ކަމެއްކަމުން، މި ޙަފްލާ ޕްރޮމޯޓްކޮށް ކަވަރ ކުރުމުގައި ތިޔަބޭފުޅުން އެހީތެރިވެދެއްވާނެ ކަމަށް.
އެ އިވެންޓުން ލިބުނު މެސެޖުތައް އަޅުގަނޑު ގެންދިޔައީ ގްލާސްގޯގައި ބޭއްވުނު ކޮޕް26 އަށް.ހަގީގަތުގައި ކޮޕް26 އަކީ އެންމެންގެ އުއްމީދުތަކާ އެއްގޮތަށް ނިމުނު ބައްދަލުވުމެއް ނޫން ނަމަވެސް، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ރަނގަޅު މިސްރާބަކަށް ކުރިއަށް ދެވިދާނެ. ގްލާސްގޯ ކްލައިމެޓް ޕެކްޓްގެ ދަށުން، ލައިފް ސަޕޯޓްގައި ހުރި ނަމަވެސް، 1.5°C ގެ ޓާގެޓަކީ ދިރިހުރި ޓާގެޓެއް. މިކަމުން އަޅުގަނޑުމެންގެ އުންމީދު އާކުރަން ޖެހޭ.