ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމްކުރެއްވިކަމަށް ވިދާޅުވެ އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއްކަމުގައި ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން "ކޮތަރުކޮށި" ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށްފައި ހުންނާނެ ކަމުގައެވެ.
ރައީސް ޔާމިންގެ މި ވާހަކަފުޅުތަކާއި ގުޅިގެން ހޯރަފުށީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، ރައްޔިތުންނަށް ހަޤީގަތް އޮޅުންބޮޅުން ވާގޮތަށް މިފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމުގައެވެ.
ހޯރަފުށީގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓަކީ ޗަންޕާ ބްރަދާސްގެ ޗެއަރމަން މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއި ހޯރަފުށީ ކައުންސިލް ގުޅިގެން ޤާއިމުކުރި އައިސްޕްލާންޓެއްކަން އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިފްކޯއާއި ގުޅިގެން ހޯރަފުށީ ކައުންސިލުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ރައީސް
ޞާލިހުގެ ސަރުކާރުން ފަހިކޮށްދެއްވީތީ ރައީސް ޞާލިހުއަށް ކައުންސިލުން ވަނީ ޝުކުރުއަދާކޮށްފައެވެ. މީގެއިތުރުން އައިސްޕްލާންޓް ހަޤީޤަތަކަށް ހެއްދުމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު ސަލީމް ކުރެއްވި މަސައްކަތްވެސް ފާހަގަކޮށްފައިވެއެވެ.