އެޗްޕީއޭގެ އެޕިޑަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

ރާއްޖެއިން ކޮވިޑް-19ގެ އައު ވެރިއަންޓް، އޮމިކްރޯންގެ އިތުރު 4 ކޭސް ފެނިއްޖެއެވެ.

މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ހަތަރު މީހުންނަކީ ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިން ކަމަށެވެ. އަދި އެއީ ސައުތު އެފްރިކާއަށް ދަތުރުކޮށްފައިވާ މީހުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅިގެން މިހާރު ރިސްކް އެސެސްމެންޓްތައް ހަދަމުންދާ ކަމަށާއި، އަޅާނެ އިތުރު ފިޔަވަޅުތައް އެނގޭނީ އެ އެސެސްމެންޓްގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ. އަދި މިހާރުވެސް އަތޮޅު ތެރޭގައި ހާލަތު ގޯސް ރަށްތަކުގައި ރޭންޑަމްކޮށް ސާމްޕަލް ނަގައިގެން ޓެސްޓުތައް ކުރެވެމުންދާ ކަމަށެވެ.

ރާއްޖެއިން އޮމިކްރޯންގެ އެންމެ ފުރަތަމަ ކޭސް ފެނުނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިއުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

މި ހަތް ގައުމުން ސީދާ ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ ތެރެއިން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *