ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިން ހިލޭ އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮވިޑް-19ގައި ފަތުރުވެރިކަމުގެ ދާއިރާޣެ ވިޔަފާރިތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"ގެ ދަށުން ވަނީ 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ފޯރުކޮށްފީފައެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓްންޓް ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ މީގެ ތެރެއިން 1.4 މިލިއަން ޔޫރޯގެ އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އީޔޫއިން ފޯރުކޮށްދީފައިވާ މި ހިލޭ އެހީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ އެހީއެކެވެ. އެގޮތުން މި އެހީ ދޫކުރަނީ ގެސްޓްހައުސްތަކާއި، ސަފާރީތަކަށެވެ.
އިތުރު ޝަރުތުތަކަކީ އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަރޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމެވެ. ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެންބަރު 2019، ޖެނުއަރީ 2020، ނުވަތަ ފެބުރުއަރީ 2020 ގައި ލިބިފައިވާ ފަރާތެއް ކަމުގައިވާންޖެހޭނެއެވެ. މީގެއިތުރުން ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސަޕޯޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޝަރުތުހަމަވާ ވިޔަފާރިތަކުން އޮޕަރޭޓްކުރާ އެނދަކަށް 2453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ.