މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެއެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވަނީ 35،365ރ ގެ ދަރަންޏެކެވެ. އެ މައްސަލަ އަކީ ނަރީޝް، ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ނެގުމަށް ފަހު އެތަނަށް ކުލި ނުދެއްކުމާއި، އެތަނުގެ ބައެއް ބިލުތައް ވެސް ނުދައްކާ ހުރުމުގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ. މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ 98،865ރ ހޯދުމަށެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާގޮތުން މައްސަލަ ކުރިއަށްދަނިކޮށް ނަރީޝް ވަނީ 35،000ރ ދައްކާފައެވެ. އަދި ތަން ކުއްޔަށް ނަގަމުން އޭނާ ދެއްކި 28،000ރ ވެސް ކެނޑުމަށް ފަހު ދައްކަން ޖެހެނީ ބާކީ 35،365ރއެވެ.
އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޗަން މަރުހަލާގައި ނަރީޝް ދަރަންޏަށް އިންކާރުކުރި ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދަރަނި ދައްކަން ހަ މަހުގެ މުއްދަތަކަށް އެދިފައެވެ. އެހެންނަމަވެސް ކޯޓުން ކުރި ހުކުމްގައި ވަނީ އެއް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައެވެ.