އަތޮޅުތެރޭގައި ކުނި މެނެޖްކުރާނެ ނިޒާމު ގާއިމްކުރަނީ ހޯމް ސްޓޭ ފަތުރުވެރިކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ނިޒާމަކީ ހަމައެކަނި މާލެ ސަރަހައްދަށް އޮތް މަސައްކަތެއް ނޫން ކަމަށާއި މުޅި ރާއްޖެ އަށް އޮތް ބިޔަ ބޮޑު މަސައްކަތެއް ކަމަށެވެ.
ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާއިރު، އަބަދުވެސް ރަށްތަކުގެ ސާފުތާހިރު ކަމަށް ބަލާ ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ ރަށުފަތުރުވެރިކަން ފުޅާވެ ހޯމް ސްޓޭ ވިޔަފާރިއާ ދިމާއަށް މިސްރާބު ޖަހާއިރު، ރަށުގެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ މާހައުލީ ނިޒާމާއި ތިމާވެށި ހިމާޔަތްކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ. ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމްކުރުމުގެ ހަގީގީ ބޭނުމަކީ އެއީ.
ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ކުނި މެނޭޖްކުރާ ނިޒާމުގެ މަސައްކަތް ފެށުމުން ފަނާވާ ޒާތުގެ ކުނި ނޫން ބާވަތްތަކުގެ ކުނިތައް ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ކަމަށެވެ. އޭގެ ސަބަބުން ކުނި އެންދުން ހުއްޓި ރަށްރަށުގައި އުފެދޭ ކުނިން އެރަށެއްގެ މީހުންނަށް އިތުރު އުނދަގުލާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ވެސް މިހާރު ބަދަލު އަންނަމުންދާ ކަން ފާހަގަކުރައްވާ ވިދާޅުވީ އުމްރާނީ މަސައްކަތްތަކާއި ފަތުވެރިކަމާއި އިގްތިސާދީ ހަރަކާތްތައްވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެފަދަ ކޮންމެ ބަދަލަކާއެކު ކުނި އުފެދޭ މިންވަރު އިތުރުވާ ކަމަށާއި، އެކަމަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.