ތިލަފުށީގައި ގާއިމުކުރަމުންދާ ކުނި މެނޭޖްކުރާ އައު ނިޒާމާއި އެކު ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމުކުރެވިގެންދާނެކަން އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ADB ހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދި AIIB ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.  މި ޕްރޮޖެކްޓަށް ޖުމްލަ 304 މިލިއަން ޑޮލަރު ހޭދަވާއިރު މިއީ ދެ ފިޔަވައްސަކަށް ބަހާލާއިގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. އެގޮތުން މިހާރު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޕްރޯސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއު ހާއްސަކޮށްފައިވަނީ ޒޯން 3، ގްރޭޓަރ މާލޭ ސަރަހައްދު ހިމެނޭހެން 4 އަތޮޅަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ މޫސުމަށް އަންނަ ބަދަލުތަކަށާއި، ކާރިސާތަކަށް ވިލުންވެރި ކުނި އުފުލާ، އަދި ނައްތާލާ ނިޒާމެއް ގާއިމުކުރުމެވެ.

މި މަޝްރޫއުގެ ދަށުން ވަސީލަތްތައް ޒޯން 3 ގައި ހިމެނޭ 35 ރަށުގައި ގާއިމުކުރެވޭއިރު ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ބޭރުކުރުމަށްފަހު ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ 3 ލޭންޑިންގ ކްރާފްޓް ބޭނުންކުރެވޭނެއެވެ. އަދި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިންގ ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިންގ ވޯރކް ޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ޤާބިލުކަން ލިބިގެންވާ 2 އިންސިނަރޭޝަން ޕްލާންޓް ވެސް ބެހެއްޓިގެންދާނެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ އެތަނުގައި ގާއިމުކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މި އިންސިނަރޭޓަރުތައް އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށްއޮތް 15 އަހަރު މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއްނެތި، ކުރިއަށްގެންދެވި، އިންސިނަރޭޓަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ޤާއިމުކުރެވޭނެ ޖާގަވަވެސް ތިލަފުށީގައިކަނޑައަޅާނެ ކަމަށެވެ.

އަދި ކޮންސްޓްރަކްޝަން ވޭސްޓާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވި، އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާއި، ގާއެޅުން ފަދަ މަޝްރޫޢުތަކުގައި ބޭނުންކުރެވޭނެ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ބޭލިންގ މެޝިނެއް ބޭނުންކޮށްގެން ކުނިތައް ވްރެޕްކޮށް ރައްކާތެރިގޮތުގައި ސްޓޮކްކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުގެތެރެއިން ދުވާލަކު 8 މެގަވޮޓާއި، 8.5 މެގަވޮޓާއި ދެމެދުގެ ކަރަންޓު ހަކަތައިން އުފެއްދުމާއިއެކު ތިލަފުށީގެ މަސައްކަތަކަށާއި، ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެ މަގު ވެސް މި މަޝްރޫއުގެ ދަށުން ފަހިވެގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *