ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާދިނުމަށް އެދެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި މިކަން ހާމަކުރެއްވި އިރު އެ ޖަލްސާ އަށް އެދެނީ ކީއްވެ ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
MDP Parliamentary Group will be submitting a request to Majlis Secretariat to recall the Majlis for a sitting outside normal sessions, under clause 45 of Rules of Procedures of Majlis. @MDPSecretariat @mvpeoplesmajlis
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 14, 2021
އެނގިފައިވާގޮތުގައި މި ޖަލްސާއަކީ އޭސީސީގެ މެމްބަރުން ވަކިކުރަން ބާއްވާ ޖަލްސާއެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށަން ނިންމާ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކޮމިޓީ އަކީ ވެސް ދަައުރުން ބޭރުން ބޭއްވި ކޮމިޓީއެކެވެ.
މަޖިލިހުގެ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަގާމަކުން ވަކިކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.