2 މެއި 2021، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދަރަނި މިނެކިރުމުގައި ބަލަން ޖެހޭނީ ދަރަނީގެ އަދަދަށް ނޫން ކަމަށާއި، އޭޣެ ބަދަލުގައި ބަލަންވީ އެ ފައިސާއިން ކޮށްފައި ހުރީ ކޮން މަސައްކަތެއްތޯ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ދަރަނީގެ ވާހަކައިގެ ދައްކާއިރު، ވަރަށް ސާފުކޮށް އެއް ވާހަކައެއް ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ސުވާލު ކުރަންޏާ ކުރަންވީ 10 ރުފިޔާ ނަގާފައި އޭގެއިން ގަތް އެއްޗަކާ މެދު ކަމަށް ވިދާޅުވިއެވެ.

އެއް މިލިއަން ރުފިޔާ ނަގާފައި އަޅުގަނޑު އެޅީ 2 ގެތޯ 1 ގެތޯ؟ އެއް ގެ އަޅައިފިއްޔާ އޭގަ އިސްރާފު ހުރުން ވަރަށް ބޮޑު އެ ލާރި ނަގާފަ 2 ގެ އެޅޭ ކަމަށް ވަންޏާ. އެހެންވީމަ އެ މިނުން ކިރަން ޖެހޭ ދަރަނީގެ ބޭނުން ހިފާފަ ހުރީ ކިހިނެތްތޯ.

މަބްރޫކް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގެން ބޭއްވެވި ޖަލްސާގައި ވެސް ތަރައްގީއަށް ދަރަނީގެ މުހިންމު ވާހަކަ ދެއްކެވި ކަމަށެވެ. ރައީސް ޔާމީން ދެއްކެވި ވާހަކައަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ސަރުކާރުގައި ދަރަނީގެ ގޮތުގައި ހުރީ 48 ބިލިއަން ރުފިޔާ ކަމަށާއި، މިހާރު ހުރީ 79 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ދަރަނީގެ ވާހަކަ ދައްކާއިރު، އެކި ބޭފުޅުން ވިދާޅުވާ އަދަދުތައް ދިމާވެސް ނުވާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދި މަބްރޫކް ވިދާޅުވީ ސީދާ ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށެވެ. މި ސަރުކާރުގެ މިހާތަނަށް އައި އިރު 34 ބިލިއަންގެ ދަރަނި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ނެގި ދަރަނިން ކޮށްފައިވާ ކަންކަމުގެ ފައިދާ ބޮޑުކަން ވެސް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ދަރަނި އެވަރަށް ނަގާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިންކަމް ހުއްޓި މަސްވެރިކަމުން ނޫން ގޮތަކަށް ފައިސާ ނުލިބޭ ހާލަތަށް ރާއްޖެ ވެއްޓުމުން ކަމަށެވެ. އެ ހާލަތުގަ އެއްގޮތަކީ ސަރުކާރުން ކުރަން ހުރި ހަރަދުތައް ކަނޑާލުން ކަމަށާއި، އޭގެ މާނަ އަކީ ޕްރޮޖެކްޓުތައް ހުއްޓާލައި މީހުންގެ މުސާރަ އަށް ބަދަލު ގެނަސް އަދި އެ ނޫން ވެސް ރިކަރަންޓު ހަރަދުތައް މަދުކޮށް އިގްތިސޯދީ އަނދަވަޅަކަށް ވެއްޓުން ކަމަށް ވިދާޅުވިއެވެ. އަނެއް ގޮތަކީ ދަރަނި ނެގުން ކަމަށް ވިދާޅުވިއެވެ.

ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ދިވެހިން އެފަދަ ހާލެއްގައި ނުޖެހޭނެ ގޮތް ވީތީ ރާއްޖޭގެ ހާލަތު ދަމަހައްޓާ ވިޔަފާރިތައް ވެސް މުޅިން ހަލާކުވިޔަ ނުދިނީ. އާދެ ވަރަށް ބޮޑަށް އަސަރުކުރި، އެހެންނަމަވެސް ހަލާކުވިޔަ ނުދީ މުސާރަ ދީގެން. އެގޮތަށް ޝަރުތުތައް ކޮށް ލޯން ދީގެން ވީ ވަރަކަށް އިގްތިސޯދުގެ ސްކެލެޓަން ހިފެހެއްޓުނީ

މަބްރޫކް ވިދާޅުވީ އޭގެ ސަބަބުން ދަރަނި ވެސް ބޮޑުވި ކަމަށެވެ. އަދި އެކި އަސަރުތައް ވެސް ކުރި ކަމަށެވެ. އެކަމަކު މިއަދު ގައުމުގެ އިގްތިސޯދު އަލުން އަނބުރާ ކޮޅަށް ޖެހެމުން މި އަންނަނީ ވެސް އޭގެ ސަބަބުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *