2 މެއި 2021، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ތަރައްގީގެ ބޮޑެތި މަޝްރޫތައް ކުރިއަށްގެންދާ ގޮތް ލަސް ކަމަށް ބުނެ ވާހަކަ ދެއްކޭނެ ވަރުގެ އިދިކޮޅު ބައެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެހެން ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުގެ މަޝްރޫތައް ވަކި ލަސް ނޫން ކަމަށެވެ. އެހެންނަމަވެސް އަވަހަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އެބަހުރިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކައިރީގަ މި ބުނާ ވާހަކަ އަކީ ހިޔާ މަޝްރޫ ބަލާށޭ، މި ސަރުކާރަކަށް ނެތޭ އެކަހަލަ އެއްވެސް ކަމެއް ކުރެވިފައެއް. ހަނދާން ނެތިވަޑައިގެން އެ ބޭފުޅުން އެ އުޅުއްވާ ކަމަކީ އެ ވެރިކަމުގެ ހަތަރު ވަނަ އަހަރުކަން އެ މަޝްރޫ ފެށުނީ ވެސް. އެންމެ ފަހު އަހަރު ކެމްޕޭން ޖަލްސާތައް ބޭއްވި އިރު އެއީ ކޮންސްޓްރަކްޝަން ސައިޓެއް. ރަނގަޅަށް ރާނާ ވެސް ނުނިމޭ އޭރު ވެސް.

މަބްރޫކް ވިދާޅުވީ މި ސަރުކާރުން ދެކޭ ގޮތުގައި ބޯހިޔާވަހިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ހަމަ އެކަނި ހިޔާ މަޝްރޫއެއް ނިންމާ އެކަމުގެ ވާހަކަ ދައްކާއިރު، މި ސަރުކާރުގެ މިހާތަނަށް އައި އިރު ގެދޮރުވެރިޔާ ލޯން ޕްރޮގްރާމެއް ފެއްޓުމާއި، ރާއްޖޭގެ ރަށްރަށުގައި އަޅާ ހައުސިން މަޝްރޫތަކުގެ ބަޖެޓު ފާސްކޮށް ނިންމުމާއި، ބައެއް ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ފަށަން ތައްޔާރުވެ އެއްބައި ރަށްތަކުގައި ނިމިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އަމިއްލަ މިނެކިރުމުން ވެސް ހައުންސިން އަކީ ރާއްޖެ އަށް އެންމެ މުހިންމުކަންތައް. މިކަމުގެ ޑެލިވަރީ އަވަސްކުރަން ޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނުވެޔޭ ކިޔާފަ އެވާހަކަ ދައްކާނެ އެހެން ބަޔަކު އިދިކޮޅު ޕާޓީ އަކު ނުތިބޭނެ.

މަބްރޫކް ވިދާޅުވީ ވެރިކަމާ ހަވާލުވެ ތަރައްގީގެ މަޝްރޫތަކައިގެން އުޅޭ އިރު އެކަމުގައި ފޯކަސް ބަހައްޓަންވީ ގޮތް ބަލަން ޖެހޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރެވިފައި ނުވާނަމަ އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ އެކަމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެފަދަ ކަންކަމަށް އިސްކަން ދިން ނަމަވެސް މި ސަރުކާރުން ހިންގާ ބޮޑު މަޝްރޫތަކާއި ކުރިއަށް ރާވާފައިވާ ބޮޑު މަޝްރޫތައް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ މަސައްކަތާއި، ބޯހިޔާވަހިކަމުގެ މަޝްރޫތައް ވެސް ފެށުމާ ގާތްވެފައިވާކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *