ބޭރުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ވިސާ ހަމަޖެއްސުމުގައި ފޮރިން މިނިސްޓްރީން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެހެންނަމަވެސް އެކަމުގައި ދިމާވާ ދަތިތައް އެބަހުރި ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ސްޕެއިނުގައި އިއްޔެ ފެށި ބެޑްމިންޓަން ވަރލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ފުރުސަތު ލިބުނު ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަށް ވިސާ ހަމަނުޖެހިގެން މުބާރާތުގައި ބައިވެރި ނުވެވުނު މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އަދި ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން، ބޭރުގެ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ވިސާފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް އެ މިނިސްޓްރީން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
އެހެންނަމަވެސް ބައެއް މުބާރާތްތަކުން ދިވެހި އެތުލީޓުންނަށް ފުރުސަތު ލިބޭއިރު، މުބާރާތް އޮންނަ ތާރީހު ވަރަށް ކައިރިވެފައި އޮންނާތީ، އެ ގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރިއެވެ.
މިފަދަ ޙާލާތްތަކުގައި އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ކުރެވޭ މަސައްކަތުން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހުނުނަމަވެސް، ވިސާ އެޕްލިކޭޝަން ސެންަޓަރު ހުންނަ ޤައުމަށް ދަތުރުކުރުމާއި, ވިސާ ޕްރޮސެސްކުރުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން އެފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ދިވެހި އެތުލީޓުންނަށް ހުރަސްތައް ކުރިމަތިވެއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ އެތުލީޓުންނަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް މި މިނިސްޓްރީއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މިހާރެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައިވެސް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ވިސާ ނުލިބުނީ ސަރުކާރުގެ މައްސަލައަކުންނެއް ނޫން: އެސޯސިއޭޝަން
ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ބޭރުގެ ބައެއް ޤައުމުތަކަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭތީވެ، މިފަދަ ބޭނުންތަކަށް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދަތުރުކުރުމުގެ ކުރިން ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ގޮވާލާފައިވެއެވެ. ވަކިން ހާއްސަކޮށް މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، ވިސާ ނެގުމުގައި އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.