މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މިއަދު އޮތް އަޑުއެހުމުގައި ހުކުމް އިއްވަމުން ގާޒީ ވަނީ އިތުރު 22 އަހަރާއި 4 މަހާއި 23 ދުވަހު އަދުހަމް ޖަލުގައި ބަންދުކޮށް ބެލެހެއްޓުމަށް އަންގަވާފައެވެ. އެއީ ހަމަލާއަށް ފަހު އޭނާ ހައްޔަރު ކުރި ގޮތަށް މިއަދު ހުކުމް އިއްވުމާ ހަމައަށް އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތެވެ.
މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ، ކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުންތަކެއްގެ ސަބަބުން ކަމަށް ބުނެ އެ ކަމަށްޓަކައި ރައީސް ނަޝީދާއި އެ ހަމަލާގައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ. މީގެ އިތުރުން އެފަދަ އަމަލެއް އޭނަގެ ފަރާތުން ތަކުރާރު ނުވާނެކަމުގެ ޔަގީންކަންވެސް އަދުހަމް ޝަރީއަތުގައި ދީފައިވެއެވެ.
އަދުހަމް ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް އޭނާއާ ހަވާލުކުރީ އޭނާ ނިސްބަތްވާ ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ކަމަށެވެ. އެ މަސައްކަތް ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި، ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް ބުނެފައި ވެއެވެ.
އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާއެވެ. އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މައިގަނޑު ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.