ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކުރެވުނި ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުންކަމަށް ބުނެ، ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް މާފަށް އެދިއްޖެއެވެ.

މިހާރު ކޯޓުގައި ކުރިޔަށްދަނީ އަދުހަމަށް ހުކުމްކުރުމަށް ބައްވާ ޝަރީއަތެވެ.

ޝަރީއަތުގައި އަދުހަމް ބުނީ، އޭނާއަށް އެކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުންތަކެއްގެ ސަބަބުން ކަމަށާއި އެ ކަމަށްޓަކައި ރައީސް ނަޝީދާއި އެ ހަމަލާގައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދޭކަމަށެވެ.

މީގެ އިތުރުން އެފަދަ އަމަލެއް އޭނަގެ ފަރާތުން ތަކުރާރު ނުވާނެކަމުގެ ޔަގީންކަންވެސް އަދުހަމް ޝަރީއަތުގައި ދީފައިވެއެވެ.

އަދުހަމް ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް އޭނާއާ ހަވާލުކުރީ އޭނާ ނިސްބަތްވާ ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ކަމަށެވެ. އެ މަސައްކަތް ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި، ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް ބުނެފައި ވެއެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާއެވެ. އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މައިގަނޑު ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އަދުހަމް ދައުވާތަކަށް އިއުތިރާފްވެފައިވާއިރު، އަދުހަމްގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނަގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންނަމަވެސް، އިއުތިރާފްގެ އެއްބަސްވުމެއް ހެދިފައި އޮތުމުން މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *