ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވަނީ ރޭގެ ވަގުތެއްގައި އަވަހާރަވެފައެވެ. ހުސެއިންގެ ކުއްލި ވަކިވެ ދިއުމާއި އެކު ސަރުކާރުގެ އިސްވެރިންނާއި މުޅި ގައުމު ވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

އުމުރުފުޅުން 53 އަހަރުގައި އަވަހާރަވި މަޝްހޫރު ހުސެއިން ވަހީދަކީ ޓިމްބާ ހައުސް އާއި ޔުނައިޓެޑް ފުޑް ސަޕްލައިގެ އެއް ހިއްސާދާރެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް އެއް ދައުރު ފުރިހަމަ ކުރައްވައިފަ އެވެ.

ހުރިހާ ފަރާތްތަކުންވެސް ބުނަމުންދަނީ ހުސެއިން އަކީ ހިތް ހެޔޮ، ހިތްތިރި ބޭފުޅެއް ކަމަށެވެ. ވަކި ވެގެންދިޔައީ ކުޅަދާނަ ޚިދުމަތްތެރިއެއް ކަމަށެވެ. ތައުޒިޔާގެ މެސެޖުތައް މުޅި ސޯޝަލް މީޑިއާގައި ވަނީ ފުރާލާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރައީސް ވެސް ހުސެއިން ސިފަކުރައްވަނީ ވަރަށް ހިތް ހެޔޮ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ހުސެއިން އާއި ބައްދަލުވުމުން ވެސް އެއީ ތެދުފުޅެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ.

ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މިހެންނެވެ. އެމަނިކުފާނު ވިދާޅުވީ ހުސެއިން އަކީ ރާއްޖެއަށް މަލްޓި މާޓީ ޑިމޮކްރެސީ ގެނައުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ވެސް ވަރުގަދަ ތަނބެއް ކަމަށެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުސެން ވަހީދަކީ އޯގާތެރި ހިތް ހެޔޮ ބޭފުޅެއް ކަމަށެވެ. އަބަދުވެސް ހިނިތުން ވެފައި ހުންނަވާ ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، އެމަނިކުފާނުގެ އަޚް ހުސައިން ސިފަކުރެއްވީ އަގުހުރި ގައުމީ ޚިދުމަތްތެރި އަދި އެކުވެރި ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ.

ހުސައިން އަވަހާރަވިއިރު ގެންދެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިވެސް އުޅުއްވިއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން މިއަހަރުގެ މާޗްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސައިން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ "ބޭސްފަރުވާއެއް ކުރަމުން މިއަދު މިހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން އަޅުގަނޑު ހަމަ މާތް الله ސުބްހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރުކުރަން" މިފަދައިންނެވެ.

ޙުސައިން އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން ދާއިރާއަށާއި ގައުމަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހުރިހާ ފަރާތްތަކުން ވެސް ހުސެއިންގެ ކުއްލި ވަކިވެދިއުން ސިފަ ކުރަނީ ރާއްޖެއަށް ލިބިގެންދިއަ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *