ހުޅުމާލޭގައި މީހުން އާބާދުވާން ފެށުމާއެކު، އެއަވަށުގެ ކަންކަން ބެލުމަށް ރައީސްގެ ގަރާރަކުން 2001 ވަނަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އުފެއްދުމާއެކު ހުޅުމާލޭގެ އެންމެހާ ކަންކަމެއް، އަދާހަމަޔަށްވެސް ބަލަހަށްޓަމުންދަނީ އެކޯޕަރޭޝަނުންނެވެ. ކޮންމެ ތަނެއްގައިވެސް ހިތްހަމަ ނުޖެހޭ ކަންކަން ހިނގާފަދައިން ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުން އެކިއެކި ކަންކަމުގައި އެޗްޑީސީއާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރިނަމަވެސް ހުޅުމާލޭގެ އެންމެހާ ކަންކަން ބަލަހަށްޓަން އެޗްޑީސީއަށް ވުރެ ރަނގަޅު އެހެން ކުންފުންޏެއް ނޯންނާނެކަމާމެދު ގިނަ ބަޔަކު އިއްތިފާގުވެއެވެ.
އެޗްޑީސީން ހުޅުމާލެ ބަލަހަށްޓަމުންދާ ގޮތާއި، އެއަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވާކަމަށް ދޭތެރެ ދޭތެރެއިން ގިނަ ބަޔަކު އައީ ބުނަމުންނެވެ. ކަން މިހެން އޮއްވައި މިފަހުން ހުޅުމާލޭގެ ހުރިހާ ބާރުތައް މާލޭ ސިޓީ ކައުންސިލްގެ ދަށައް ނަގަން ސިޓީ ކައުންސިލުން ނިންމިއެވެ. މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަޖެހުނަސް އަނެއް ބަޔަކު ދިޔައީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރު ރާއްޖޭގެ ނޫސްތަކުންނާއި، ދޭދޭ މީހުންގެ ތެރޭގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކީވެސް މިއީއެވެ.
މައްސަލަ ބޮޑުވީ ފޭސް 2 ގައި "ކޮތަރުކޮށި" ޖަލްސާ ބާއްވަން ނިންމި ހިސާބުން!
މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން ކޯޅެމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މިމައްސަލަ ބޮޑުވި ހިސާބަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ކޮތަރު ކޮށި" ނަމުގައި އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނިންމުމާއި ގުޅިގެން، އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެންކަމަށް އެ ކޯޕަރޭޝަނުން ބުނި ހިސާބުންނެވެ. ޖަލްސާ ބާއްވަން ނިންމުމާއި ގުޅިގެން އެޗްޑީސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު، އެ ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމުގައެވެ.
ނަމަވެސް ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ފަރާތުން ބޭއްވުމަށް ރޭވި ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ނިންމި ހަރަކާތެއް ނޫން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެންފަރާތްތަކުންވެސް އަމަލު ކުރާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.
އޭގެ އަނެއް ދުވަހު އަޑުއިވުނީ އެޗްްޑީސީގެ ބާރުގެ ދަށުން ހުޅުމާލެ ނަގަން ސިޓީ ކައުންސިލުން ނިންމި ވާހަކައެވެ. ރަޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ތަނެއް ކަަމަށާއި އެތަން ކައުންސިލުގެ ދަށަށް ގެނައުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރުމުން އެކަން ހައްލުކުރުމަށް ކައުންސިލްގެ ދަށަށް އެތަން ގެނައުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިގެންވެސް ހައްލެއް ނުލިބުކަމަށް ނަރީޝް ވިދާޅުވިއެވެ.
އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.
އެގްރިމެންޓް ބާތިލްކުރަން ނިންމީ ގާނޫނާއި ހިލާފަށް!
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝަޚުސެކެެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަޞީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައިކަމަށް އެޗްޑީސީން ބުނެއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުމެވެ. އަދި، ހަމަ މިޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަމެވެ. އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށެވެ.
އެޗްޑީސީން ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ގާނުނާއި ހިލާފު މިނިންމުމުގެ ސަބަބުން އެޗް.ޑީ.ސީން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗް.ޑީ.ސީއިން ހިލާފުވެ، "ކްރޮސް-ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެޗް.ޑީ.ސީ އާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަށް އެއްފަހަރާ ޑިފޯލްޓްވުމުގެ އިހުތިމާލު އެބައޮތްކަމަށެވެ.
އެކޯޕަރޭޝަނުން ވަނީ މި މައްސަލަ ބަލައި ދިނުމަށް އެދި ސިވިލް ކޯޓަށާއި، އެލްޖީއޭއަށްވެސް ހުށައަޅާފައެވެ. އަދި އެކޯޕަރޭޝަނުން ވަނީ މިކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެކަމަށް ބުނެފައެވެ. މި މައްސަލަ ބަލާ ނިންމުމަށްފަހު އެލްޖީއޭއިން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ބާތިލްކުރުމަކީ ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ.
މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މާލޭ ސިޓީ ކައުންސިލަށް އަމާޒުވެފައިވާއިރު، ގާނޫނުތައް ބުނާގޮތުންވެސް އެގްރިމެންޓް ބާތިލެއް ނުކުރެވޭނެއެވެ. ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ކައުންސިލަށް ލިބުނު މޮޅަކީ ކޮބައިތޯއެވެ. މިއީ ހަމަ އަމިއްލަ ބޭނުމެއްގައި ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. ކޯޓަަށް މައްސަލަ ހުށަހަޅައި ކައުންސިލަށް ދައުވާކުރާ ހިސާބަށް މި މައްސަލަ ވަނީ ގޮއްސައެވެ.
އެގްރީމެންޓް ބާތިލްކުރިތާ ހަފްތާއެއްވީއެވެ. އަދިވެސް ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހަށްޓަމުންދަނީ އެޗްޑީސީންނެވެ. ސުވާލަކީ އެޗްޑީސީގެ އަތުން ހުޅުމާލެ ނެގުމުން ރައްޔިތުން އެދޭ ހެޔޮ ބަދަލު ފެނިގެންދާނެތޯއެވެ. ރައްޔިތުންނަށް ލިބޭނީ ގެއްލުންތޯ ފައިދާތޯ ވިސްނާލިތޯއެވެ. އެބައެއްގެ އަތުގައި ބާރު އޮތުމުން ވިސްނައިނުލާ ނިންމުންތައް ނިންމަމުންދަނީ ރައްޔިތުންނާ ދޭތެރޭވެސް ވިސްނައިނުލާތޯއެވެ.