އިޓަލީގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް މީޑިއާމޮންޑާއެކު ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. މިގޮތުން މި ކެމްޕެއިންގެ ހަރަކާތްތައް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ހަފްތާއަށް އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ހަފްތާއަށް ކުރިއަށް ގެންދާނެއެވެ.
މީޑިއާމޮންޑްއަކީ އިޓަލީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިންގާ އެއް ކުންފުންޏެވެ. މި ކުންފުނިން މަސައްކަތް ކުރަނީ އިޓަލީގެ މީޑިއާ ގްރޫޕް، މީޑިއާސެޓް އަދި
ލީޑިން ޕަބްލިޝިން ހައުސް މޮޑަޑޯރީއާއެކު އެވެ. މީޑިއާމޮންޑްގެ އިޝްތިހާރާއި، ކެމްޕެއިންތައް ބްރޯޑްކާސްޓުކޮށް، ޝާއިޢުކުރާ ފަރާތްތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު 70 މީޑިއާ ބްރޭންޑެއް ހިމެނެއެވެ.
މިއީ އެންމެ ފުޅާ ދާއިރާއެއްގައި އިޓަލީގައި ޕްރިންޓް، އިންޓަރނެޓް، މޯބައިލް، ރޭޑިއޯ އަދި ޑިޖިޓަލް އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އިޝްތިހާރާއި، މާކެޓިން ހަރަކާތްތައް ހިންގާ އެއް ފަރާތެވެ.
ވިޒިޓް މޯލްޑިވްސް އަދި މީޑިއާމޮންޑްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން މިލާންގެ 6 ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ، ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކުރުމެވެ. އަދި ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ފިނި މޫސުމުގައި އެ ޤައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އިހްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ހެދުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިންނަށް ހާއްސަ މަންޒިލެއް ނޫންކަން އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ އިތުރު ސެގްމަންޓުތައްކަމަށްވާ ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސް ފަދަ ސެގްމެންޓުތައް އިޝްތިހާރުކުރާނެކަމަށެވެ. މި ކެމްޕެއިން ހިންގާ ދަނޑިވަޅަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެހެން ޖަޒީރާ ޤައުމުތައް މަޤުބޫލުކަން އިތުރުވަމުންދާ ދަނޑިވަޅެއްކަމުން މި ކެމްޕެއިންގެ ސަބަބުން މިކަން ބަދަލުކުރުމަށް ފުރުސަތު ލިބޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދަނީ ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް ކަޑައެޅިފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުން ނެވެ.
މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް އަމާޒުކޮށްގެންވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ވެލްކަމް ޓްރެވަލްސް، އީޒީ މާކެޓް ކެމްޕެއިންގެ އިތުރުން އީޒީޓުއާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިން އަދި ބްލެވަކަންޒާއާއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެއެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރު ހިންގަން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ލޯންލީ ޕްލެނެޓާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިން ހިމެނެއެވެ.
ޕެންޑަމިކްގެ ކުރިން އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 46،600 ފަތުރުވެރިން ޒިޔާރަތްކޮފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. 2019 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް 136،343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މާކެޓް އެ އަހަރު އޮތީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުގެ ގޮތުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިޓަލީ ބޯޑަރު ބަންދުކުރުމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރުގެ މިހާތަނަށް އައިއިރު އިޓަލީން 12،633 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.