ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ އެމް.ޓީ. ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، އެމަނިކުފާނު އިއްޔެ ވަނީ ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *