ފުވައްމުލަކު އައު މިސްކިތުގެ ބިންގާ އަޅުއްވާދެއްވުން---- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ބަނދަރު ސަރަހައްދުގައި ބިނާ ކުރާ އައު މިސްކިތުގެ ބިންގާ ނައިބުރައީސް ފައިސަލް ނަސީމް އަޅުއްވާދެއްވައިފިއެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސިޓީގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއް ކަމަށެވެ.

މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް އެމަނިކުފާނު  އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ޤައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަސްތެރޭގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފައެވެ.އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *