ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެ މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ އޭސީސީގެ ޕަރފޯމެންސް އޮޑިޓަކަށް ފަހުއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ 5 އަހަރާއި 6 މަސްދުވަހުގެ ޕާފޯމެންސް އޮޑިޓުގެ މުއްތަދުގެ ތެރެއިން މެންބަރުން ކޮމިޝަނުގައި ހިދުމަތް ކޮށްފައިވަނީ ހަމައެކަނި 10 މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި، އެކި އެކި މުއައްސަސާތަކުގެ މެމްބަރުންނަށް، ސިޔާސީ މަގާމުތަކުގައި ތިބޭފަރާތްތަކާއި، މަޖިލިސް މެންބަރުން ތަކުރާރުކޮށް ބިރުދެއްކުމަކީ، މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސީދާގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އޭސީސީގައި މިހާރު ތިބި ހުރިހާ މެންބަރުން މަގާމުން ވަކިކުރަން ނިންމި ނިންމުމުގެ ބިނާވަނީ އެ މެންބަރުންގެ މަސައްކަތަކަށް އެންމެ ފުރިހަމައަށް އަލިއަޅުވާ ނުލެވޭ ޕާފޯމެންސް އޮޑިޓެއް ކަމަށް ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނެފައިވަނީ މި ނިމުމުގެ ސަބަބުން، މެންބަރުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ނާންނަ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން އޭސީސީ ފަދަ މުއައްސަސާތަކާއި ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރަމުންދާ މުއައްސަސާއެއްގެ ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. އަދި މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ދަތިވެ، އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީން ބުނީ މަސައްކަތް މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންޑޭޓް އަދާކުރުމަށް ބޭނުންވާ އެކަށޭނެ ފަންޑިންގްއާއި ވަސީލަތްތައް ފަދަ ހިންގުން ހަރުދަނާ ކުރަން ބޭނުންވާ މުހިންމު ކަންކަން ޔަގީންކުރުމަށް ސަރުކާރާއި މަޖިލީހުން ސިޔާސީ ގޮތުން ނުކުޅެދިފަވާ ކަމަށާއި އޭސީސީގެ ހުރިހާ މެންބަރުން އެއްފަހަރާ ވަކިކުރުމުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި ފާއިތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކުން މެމްބަރުން ވަކިކޮށް، ސިޔާސީގޮތުން ސުވާލުއުފެދޭ ފަރާތްތައް މިނިވަން، މުއައްސަސާތަކުގެ މެންބަރުންނަށް އައްޔަން ކުރުމުގެ ނަތީޖާއަކަށްވީ، ކޮރަޕްޝަންގެ ސަބަބުން ގެއްލިފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދާ، ގާނޫނު ތަންފީޒުކުރުމަށް ނުކުޅެދޭ ސަގާފަތެއް އުފެދިގެން އައުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާ އިން ބުނީ ހުރިހާ  މެމްބަރުން މިގޮތަށް ވަކިކުރުމަކީ ސިޔާސީގޮތުން ވަކި މަސްލަހަތެއް އޮންނަކަމަށް ބެލެވޭ ފަރާތްތައް މިނިވަން މުއައްސަސާތަކަށް އައްޔަނުކުރުމަށާއި، ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުމަށް ސަރުކާރުން ގެންގުޅޭ އުކުޅެއް ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ގޮވާލުން
  • އޭސީސީގެ މަސައްކަތަށް ބޭނުންވާ ބަޖެޓާއި މާލީ މިނިވަންކަން ޔަގީންކޮށްދީ ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުން.
  • މިނިވަން މުއައްސަސާތަކަށް މަސްއޫލިއްޔަތު މިނިވަންކަމާއި ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފޯރުކޮށްދިނުން
  • އޭސީސީގެ އިންވެސްޓިގޭޓިވް އެންޑް އިންޓެލިޖެންސް ފަންކްޝަން އިތުރަށް ރަގަނޅުކޮށް، ބޮޑެތި މާލީ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ތަމްރީންތައް މުވައްޒަފުންނަށް ދިނުން
  • މުއައްސަސާތައް ގަވާއިދުން އޮޑިޓުކޮށް އެ އޮޑިޓުތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްކަށް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓުތަކެއްކަން ޔަގީންކުރުން
  • ސިޔާސީ ނުފޫޒުން ދުރުކޮށް އަދުލު އިންސާފު ގާއިމު ކުރެވޭނެހެން މެންބަރުން މަގާމުން ވަކިކުރުމުގެ އިޖުރާއަތަށް ބަދަލު ގެނެސް މެންބަރުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *