ދެ ގައުމަކުން ރާއްޖެއަށް އައު ސަފީރުން ކަނޑައަޅާ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހަށް ފަތްކޮޅު އެރުއްވީ ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޕޮޖް ހާންޕޮލް އާއި ކޮލަމްބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާނާ ޕަޗޭކޯ މޮންތޭސް އެވެ.

ތައިލެންޑް ސަފީރު، ޕޮޖް ހާންޕޮލް

ތައިލެންޑް ސަފީރު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާ، ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާރސް، ރައްޔިތުންގެ ގުޅުން އިތުރުކުރުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވިއެވެ. އަދި މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހް ވަނީ މަތީ ތައުލީމުގެ ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތައިލެންޑް ސަފީރު ވަނީ ތައިލެންޑްގެ ރަސްގެފާނުގެ ފަރާތްޕުޅުން ރައީސް ސޯލިހަށާއި، ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ. އޭނާ ވަނީ ދެ ގައުމަށް ވެސް ފައިދާހުރި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވިސާގެ ލުއިފަސޭހަކަމުގެ ޚިދުމަތާއި، ދިވެހި ދަތުރުވެރިންނަށް އޮންނަ ކޮވިޑް-19 ކަރަންޓީން ކުރުމުގެ މެންޑޭޓްގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

ކޮލަމްބިއާ ސަފީރު މަރިއާނާ ޕަޗޭކޯ މޮންތޭސް

ކޮލަމްބިއާ ސަފީރު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާ، ވަރަށް ގިނަ މައުޟޫއުތަކަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަސީލަތްތަކާއި، ގާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މަތީ ތައުލީމުގެ ދާއިރާ އާއި މެނުފެކްޗަރިންގ ދާއިރާފަދަ ދާއިރާތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރު ދެއްކެވި ވާހަކާގައި އެކަމަނާ ވަނީ އދގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރުމުގެ ރޮނގުން ދެ ގައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތްކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި އެކަމަނާ ވަނީ ކޮލަމްބިއާ އަކީ އެމޭޒަން ރެއިންފޮރެސްޓްގެ ބޮޑު ބައެއް ހިއްސާކުރާ ގައުމެއް ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް މުހިންމު ކަމެއް ނޫން ކަމަށާއި، ގައުމެއްގެ ގޮތުގައި ކޮލަމްބިއާ ދެމިއޮތުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުން އެ ގައުމަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ރާއްޖެއަށް ވަރަށް މުހިންމު މައްސަލަތަކެއްކަން ފާހަގަކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކުދި ބަދަލުތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތަ އިޚްތިޔާރު ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *