ސްޕެއިނުގައި އިއްޔެ ފެށި ބެޑްމިންޓަން ވަރލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ފުރުސަތު ލިބުނު ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަށް ވިސާ ހަމަނުޖެހުނީ ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.
މި ދެކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ނުލިބުނީ ވިސާ ހަމަނުޖެހުން ކަމަށް ރިޕޯޓު ކުރެވުމާއި އެކު ސަރުކާރަށާއި އެ އެސޯސިއޭޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
މިކަމާ ގުޅޭގޮތުން ޖަޒީރާއިން ވެޑްމިންޓަން އެސޯސިއޭޝަންގެ މެމްބަރަކާއި ވާހަކަދައްކާލުމުން ވިދާޅުވީ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުނުކަން އެނގުނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.
އެކުންދިން އޭރު ތިބީ ބަންގްލަދޭޝްގައި. ދެން އެކުދިން އައިސްގެން ދެއްތޯ އެ އެސޯސިއޭޝަނަށް އެ ކަންތައް ކުރިއަށް ގެންދެވޭނީ
އެ އެސޯސިއޭޝަނަށް މި ދައުވަތު ލިބުނީ މުބާރާތް ފެށެން 9 ދުވަސް ކުރިންނެވެ. މި މަހުގެ 9 ވަނަ ދުވަހު ފުރަން ހަމަޖެހުނު އިރު، އެ އެސޯސިއޭޝަނަށް ތައްޔާރުވާން ލިބުނީ ގާތްގަނޑަކަށް ހަތަރު ދުވަހެވެ.
ޝެންގެން ވިސާ އަށް އެދޭނަމަ، އާއްމުގޮތެއްގައި ދެ ހަފްތާ ކުރިން އެދެން ޖެހެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ވެސް ކުރިއަށްވުރެ ވިސާ ހޯދުން ލަސް ވެގެންދެއެވެ.
'ޖަޒީރާ'އަށް އެނގިފައިވާ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެ ކުޅުންތެރިންގެ ވިސާއަށް އެދި ހުށަހެޅީ ފުރަން އެންމެ 48 ގަޑިއިރު ކުރިންނެވެ. އަދި އެނގިފައިވާގޮތުގައި އެކުޅުންތެރިންނަށް ވިސާ ހަމަޖެއްސުމަށް އެ 48 ތެރޭގައި އެކި އެމްބަސީތަކުގައި އެދިގެން ފޮރިން މިނިސްޓްރީން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ސްޕެއިން އެމްބަސީ މެދުވެރިކޮށް ނޫން އެހެން ގޮތްގޮތަށް ވެސް ވިސާ ހަމަޖެހޭތޯ މަސައްކަތް ކޮށްފައިވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް ބުނިގޮތުގައި މި ދެކުޅުންތެރިންނަށް ލިބުނު ފުރުސަތު ގެއްލުނު ގޮތް އާއްމުންނަސް ވަރަށް އޮޅިފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ވިސާ ހޯދަދިނުމަށް އެސޯސިއޭޝަންގެ ރައީސް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަން ފާހަގަކޮށް ބުނީ މިއީ ސަރުކާރުގެ މައްސަލައަކުން ގެއްލުނު ފުރުސަތެއް ނޫން ކަމަށެވެ.
އަބްދުﷲ ޝާހިދާއި، އަހުމަދު މަހުލޫފާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނޫން ކަންނޭނގެ މީހުން ފާޑުކިޔަންވީ.
ނަބާ އާއި ނަބީއަށް ވިސާ ހަމަނުޖެހިގެން މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނުއިރު، އެ އެސޯސިއޭޝަނުން ވަނީ އެ ކުޅުންތެރިންގެ ޓިކެޓަށާއި، އެކޮމޮޑޭޝަނަށް ވެސް ހަރަދުކޮށްފައެވެ.