ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.
'ޖަޒީރާ' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުގައި އެ ގައުމުގައި ތިބި ބައެއް ދިވެހިންނާއި ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، މިއީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ކަށަވަރެއް ނުވެއެވެ.
މި ޓީމު މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.
މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކީ ރައްޔިތުންނާއި މުޖުތަމައުގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލަތަކަށް ވާއިރު، ތަހުގީގުތަކުގެ އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ކޮމިޝަނުގެ މަސައްކަތްތައް ލަސް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.