ކައުންސިލެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއް ވިއްކުމާއި ކުއްޔަށް ދޫކުރުމުގެ ބާރު ލިބިދޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު ތަސްދީގު ކުރެވުމާއި އެކު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ކުއްޔަށް ދޫކުރުމާއި ވިއްކުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.
9 ވަނަ މާއްދާގެ (ނ)
- އިގްތިސާދީ ބޭނުމަށް އެކަށައަޅައި ކަމާ ބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާއި ޙަވާލުކުރާ ބިމުން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުޢާމަލާތުކުރެވިދާނެއެވެ.
- މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ޙަވާލުކުރެވޭ ބިން ނުވަތަ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ފަރާތްތަކުން ޤާނޫނުއަސާސީއާއި މި ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެއެވެ.
މި ބިލުގައި ބުނަނީ މިގޮތަށް ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށްހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ޙައްޤުތައް، އެފަރާތަކާއެކު ކުރެވިފައިވާ މުޢާމަލާތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީކޮށް ދެވޭނެ ކަމަށެވެ. އަދި އެ އެގްރީމަންޓުގައި ވާ ގޮތަށް އެ ބިމަކާ ގުޅިގެން ދެވަނަ ފަރާތަށް ހައްގުތައް ލިބޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ބިންތައް ދޫކުރެވޭނީ އެ ރަށެއްގެ ލޭންޑްޔޫސް ޕްލޭންއާއި އެއްގޮތް ވާ ގޮތަށެވެ.