ރިޕޯޓް

އައިޖީއެމްއެޗް: ދުނިޔެ ދޫކޮށްދަނީ ފަރުވާގެ އިންތިޒާރުގައި

ޖަޒީރާ ގްރެފިކްސް: އިބްރާހީމް އިފާޒް

މާލޭގެ މަލަމަތިން ފެންނަ އެންމެ ބޮޑު، ރީތި އެއް އިމާރާތަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތެވެ. އެއާ އިންވެގެން ހުންނަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށް ފަރުވާދޭ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެވެ. މި ހޮސްޕިޓަލަކީ އެތައް ބައެއްގެ ސިއްހީ ހާލަތާއި ގުޅިފައިވާ ތަނެކެވެ. ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުސަތު އޮތް މާލޭގައި ހުރި ހަމައެކަނި ޓާޝަރީ ހޮސްޕިޓަލެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ސިއްހީ މަރުކަޒުތަކުގައި ނުދެވޭ އެތައް ހިދުމަތެއް މި ހޮސްޕިޓަލުން ލިބޭތީ، އަތޮޅު ތެރޭގެ ގިނަ ބަޔަކު ވެސް ބަރޯސާވަނީ މި ހޮސްޕިޓަލުގެ ފަރުވާއަށެވެ.

އެހެންނަމަވެސް މިއަދު އުފެދޭ ސުވާލަކީ މި ހޮސްޕިޓަލަށް އެ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ދެވޭތޯއެވެ. ޑިމާންޑާއި އެއްވަރުގެ ޚިދުމަތެއް ދެވޭތޯއެވެ.

އެޕޮއިންޓްމެންޓް ލިބުން އިންތިހާއަށް ލަސް، މަރުވަނީ ފަރުވާގެ އިންތިޒާރުގައި

މިފަހުން ރައްޔިތުންގެ ލޭ ކައްކުވާލީ އެ ހޮސްޕިޓަލުން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށްފަހު ޑޮކްޓަރަށް ދައްކަން ނާންނަ މީހުންގެ ތަފާސްހިސާބުތަކެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއި އެކު އައިޖީއެމްއެޗުން ވަނީ އެ ޕޯސްޓު ނަގާފައެވެ.

ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށްފަހު ޑޮކްޓަރަށް ދައްކަން ނާންނަ މީހުންގެ ތަފާސްހިސާބުތައް އާއްމު ކުރަމުންދާއިރު، އެ އެޕޮއިންޓްމެންޓް ލިބެން ނަގާ މުއްދަތުގެ ވާހަކަވެސް ދައްކާލުން މުހިއްމެވެ.

އައިޖީއެމްއެޗްގެ މި ޕޯސްޓާއި މެދު ހިތްހަމަނުޖެހި ވާހަކަދެއްކި އެތައް ބަޔަކު ފާހަގަކުރި އެއް ކަމަކީ އެޕޮއިންޓްމެންޓް ލިބެން އެތައް މަހެއް މަޑުކުރަން ޖެހޭ ކަމެކެވެ. ބައެއް މީހުން އެޕޮއިންޓްމެންޓެއް ލިބެންދެން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހޭއިރު، އަނެއް ބައި މީހުން ދުނިޔެ ދޫކޮށްދަނީ މި އެޕޮއިންޓްމެންޓެއްގެ އިންތިޒާރުގައި ހުއްޓައެވެ.

"އަހަރެން މާމަ އެތެރެ ހަށީގެ ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމެންޓަކަށް އެދުނީ މީގެ ހަ މަސް ކުރިން. އެޕޮއިންޓްމެންޓް ލިބިއްޖޭ ކިޔާފަ ގުޅިއިރު، މާމަ ނިޔާވެއްޖެ" ޖާޒީރާއާއި ވާހަކަ ދެއްކި މީހަކު ކިޔާދިނެވެ.

އިމަރޖެންސީ ފަރުވާއާއި މެދު ވެސް އެތައް ޝަކުވާއެއް!

"އިމަރޖެންސީ ފަރުވާގެ ވާހަކަ ދައްކަން ފަށައިފިއްޔާ މާދަން ވާއިރުވެސް ނުނިމޭނެ. ފުރަތަމަ ޓްރަޔާޖަކަށް ގޮސް، އެތައް އިރަކު ހުންނަން ޖެހޭ. އަނިޔާއެއް ފެންނަން ނެތިއްޔާ އިމަރޖެންސީއަކަށް ނުވޭ"

އިމަރޖެންސީ ފަރުވާއަކީ ވަގުތުން ލިބެންޖެހޭ ޚިދުމަތެކެވެ. އެހެންނަމަވެސް އައިޖީއެމްއެޗުން އެ ލިބެންޖެހޭ އަވަސް މިނުގައި އެ ޚިދުމަތް ނުލިބޭ ޝަކުވާ އެތައް ބަޔަކު މިއަދު ކުރެއެވެ.

ޚާއްސަކޮށް، ނަފްސާނީ ބަލިތަކާއި ކްރޯނިކް ޕެއިން ތަހައްމަލު ކުރާ ފަރާތްތަކުގެ ޝަކުވާއަކީ ވެސް މިއީއެވެ. އެ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އަޅާ ވޭން ފެންނަން ނެތުމުން އަވަސް ފަރުވާ ވެސް ނުލިބެނީއެވެ. ސްޕެޝަލިސްޓަކަށް ދެއްކުމަށް އެޕޮއިންޓްމެންޓް ލިބެންދެން މަޑުކުރެވެން ނެތުމުން އެތަނަށް ދަނީއެވެ. އެހެންނަމަވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުލިބޭ ކަހަލައެވެ.

ކޮވިޑް-19 އާއި ގުޅިގެން ވެސް ޚިދުމަތްތައް ލަސްވެދާނެއެވެ. އެހެންނަމަވެސް ދެ ތިން ގަޑިއިރު އިމަރޖެންސީ ފަރުވާ ނުލިބި މަޑުކުރަން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

ޑޮކްޓަރަށް ދައްކަން ދާ ވަގުތު، އެ މީހުން ނެތުން

ޑޮކްޓަރަށް ދާ ވަގުތު، އެ ޑޮކްޓަރުން ނުތިބޭ ޝަކުވާ ވެސް މިހާރު ވަނީ އިތުރުވެފައެވެ. އެތައް ދުވަހެއް ފަހުން ލިބޭ އެޕޮއިންޓްމެންޓް ކޮންފަރމް ކުރުމަށްފަހު ޑޮކްޓަރުން އެ ގަޑީގައި ހޮސްޕިޓަލުގައި ނުހުންނަ މައްސަލަ ބޮޑުވެފައިވާއިރު، އެ ޑޮކްޓަރުން އެވަގުތުތަކުގައި ބައެއްފަހަރު އުޅުއްވަނީ ޕްރައިވެޓް ކްލިނިކްތަކުގައި ކަމުގެ ވާހަކަ އަކީވެސް އާންމު ވާހަކައެކެވެ. ހޮސްޕިޓަލަށް އާދެވެނީ ބަލި މީހާ ވެއިޓިންގ ރޫމްގައި އިންނަތާ އެތައް ގަޑިއިރެއް ފަހުންނެވެ.

ކޮންމެ މީހަކީ ކްލިނިކްތަކަށް ގޮސްގެން ފަރުވާ ހޯދޭނެ ތަނަވަސްކަން ހުރި މީހަކަށް ނުވެދާނެއެވެ. އެތައް ބަޔަކު މި ހޮސްޕިޓަލުގެ ފަރުވާ އަށް ބަރޯސާވަމުންދާއިރު، އެޕޮއިންޓްމެންޓަކަށް އަހަރު ދުވަހު މަޑުކުރަން ޖެހުމަކީ ކާކަށް ހަޖަމުވާނެ ކަމެއްތޯއެވެ؟ މި ޓަރޝަރީ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓަރޝަރީ ފެންވަރުގައި ނުދެވޭއިރު، އެ ތަކުލީފު އުފުލަން ޖެހެނީ ނިކަމެތި ރައްޔިތުންނެވެ. މިއީ ރައްޔިތުންނަށް ހައްގު މިންވަރުތޯއެވެ؟ މި ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ނުވަތަ އެ ނޫންގޮތެއް ހޯދާދެވެން ހަމަ ނެތީތޯއެވެ؟

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %