ފުވައްމުލައް ގޮނދުދޮށް

ފުވައްމުލައް ސިޓީއަކީ އަތޮޅެއްގެ ހިޔާވަހިކަމެއް ނެތި އެކަނިމާއެކަނި އޮންނަ ރާއްޖޭގެ ހަމައެކަނި ރަށެވެ. މާކަނޑުން އަންނަ ބިޔަ ރާޅުތައް ސީދާ ރަށުގެ ގޮނޑުދޮށަށް ބިންދަމުން ދާއިރު، ރަށުގެ އެކި ފަރާތްފަރާތުން އޮޑިދޯނިފަހަރު ވަދެ ނިކުތުމަށް އޮތީ ނެރު ކަނޑާފައެވެ. ދިގު މިނުގައި 4.5 ކިލޯމީޓަރު ހުންނަ ފުވައްމުލަކުގެ 8 ދިމާލަކުން ނެރުތައް ކަނޑާފައި ހުރިއިރު، މި ނެރުތަކުގެ ސަބަބުން އެރަށުގެ ބޮޑުބައެއް ގިރައިގެން ދިއުމާއެކު މޫދަށް އެރި އުޅޭ މީހުން އޮޔާގޮސް އެތަކެއް ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.

އެތަކެއް ހިތާމަވެރި ހާދިސާތަކަށްފަހު ނެރުތައް ބަންދު ކުރުމުގެ މަޝްރޫއު ފަށާފައިވާއިރު، އިއްޔެ މިވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބިޔަބޮޑު މަޝްރޫއެއްގައި ސޮއިކުރި މަންޒަރެވެ. 300 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ފުވައްމުލަކު ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅު ދިއްލުވައިލި މަޝްރޫއެކެވެ. ފުވައްމުލައް ސިޓީގައި ރަށް ގިރުމުގެ ދިގު ތާރީޚެއް އޮތްއިރު، އެކަމަކީ އެރަށު ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމުގައި ވަނީ ވެފައެވެ.

606 ދުވަސް ތެރޭގައި ނިންމަން އެމްޓީ ހޯގާޑް ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެން ތޮއްޓެއް ގާއިމް ކުރާނެއެވެ.

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ރޭ ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ރަސްމިއްޔާތަށް ވަޑައިގެން ހުންނެވީ ފުރިފައިވާ ހިތަކާއެކީގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ރަށް ގިރުމުގެ މަޝްރޫއު ވާހަކަ ފުރަތަމަ ދެކެވެން ފެށީ 2009 ވަނަ އަހަރެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފެށިތާ 10 ވަރަކަށް އަަހަރު ވެގެން ގޮސްފައިވާއިރު، މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން ލަސްވެގެން ދިއުމުގައި އެތަކެއް ސަބަބުތަކެއްވާ ކަމަށެވެ.

މިނިސްޓަރު އަސްލަމާއެކު މި މަޝްރޫއު އިފްތިތާހުކޮށްދެއްވި ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖްއާއެކު ކުރި މަޝްވަރާއަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން މިފަދަ މަޝްރޫއުތަކަށް ފަންޑު ކުރާއިރު ބަލާ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން، އެ މަޝްރޫއަކުން ރައްޔިތުންނަށް ކުރާ ފައިދާއަކާއި، ތިމާވެއްޓަށް ކުރާ އަސަރުގެ އިތުރުން މަޝްރޫއު ހިންގާ ގައުމުގެ ސިޔާސީ މަޝްރަހު އޮންނަ ގޮތަށް ވެސް ބަލާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް

މިނިސްޓަރު ވިދާޅވުީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި 2012 އިން ފެށިގެން ހަލަބޮލި ދުވަސްތަކެއް ދިޔަ ކަމަށާއި ޔޫރަޕްގެ ގައުމުތަކުން އެ ޒާތުގެ ކަންކަން ބަލައިނުގަންނަ ޒާތުގެ ކަމެއް ރާއްޖޭގައި ހިނގައިގެން ދިޔަ ކަމަށެވެ. އަދި އޭރު އެކަންތައް ހިނގާ ދިޔައިރު ވެސް ޔޫރަޕްގެ ގައުމުތަކުން އެހީ ދިނުމުގައި ފަހަތުފަޔަށް ބުރަވާނެކަން އެނގިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެގެން ދިޔަގޮތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުން ރަށްގިރުމުގެ މައްސަލަ ބޮޑަށް ފެންމަތިވެގެން ދިޔައީ، ރަށުގެ ބަނދަރު ތަރައްގީ ކުރުމުން ކަމަށެވެ. ލަފާ ފުރުމުގެ ދަތިތަކާ ހުރެ އެތައް ފުރާނައެއް ދިޔަފަހުން ފުވައްމުލަކުގެ ބަނދަރު ހެދުމުން، އެރަށު ރައްޔިތުންނަށް އެތައް ފައިދާއެއް ވެގެން ދިޔަކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިިދާޅުވީ އެކަމުގެ ސަބަބުން ނޭދެވޭ ކަންކަން ވެސް ކުރިމަތިވި ކަމަށެވެ.

2021 ވަނަ އަހަރު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި މިވަނީ 2000 ވަނަ އަހަރު ފުވައްމުލަކު ބަނދަރު ހެދުމުގެ މަޝްރޫއުވެސް ހަވާލުކުރި ކުންފުންޏަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވިގޮތުގައި، ހޯގާޑް ކުންފުންޏާ ހަވާލުކޮށްގެން މި މަޝްރޫއު ބާރު ސްޕީޑުގައި ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށިގެން މިދަނީ ރައްޔިތުންގެ ދިގު އިންތިޒާރަކަށްފަހު ކަމަށެވެ. އަދި މިކަމުގައި އެންމެ ހިތްހަމަޖެހުން ލިބޭ އެއްކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ވެސް މި މަޝްރޫއުގެ ކަންކަން ބައްލަވަމުން ގެންދެވި ވަޒީރު، މިހާރުވެސް މި މަޝްރޫއުގެ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގު ވިދާޅުވީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ފުވައްމުލަކު ރައްޔިތުން އެންމެ ކަންބޮޑުވުމާއެކު ދައްކަމުން ދިޔަ ވާހަކައަކީ ރަށް ގިރުމުގެ ވާހަކަ ކަމަށާއި އެކި ފޯރަމްތަކާއި ސޯޝަލް މީޑިއާ އަދި ސިޔާސީ ހަރަކާތްތަކުގައި ވެސް ދައްކަމުން ގެންދިޔައީ އެ ވާހަކަ ކަމަށެވެ. އަދި އެކި ގޮތްގޮތުން ސާރވޭތައް ހެދި ނަމަވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފެށި ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައި ކަމަށެވެ.

މޭޔަރ ވިދާޅުވީ ރައްޔިތުން މާޔޫސްވެފައި ތިއްބާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އަންނަން މިކަމަށް ހައްލު ހޯދަން ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ އެވައުދު ފުއްދެވުމަށް ރަށް ގިރުމުހެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެނިގެންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރައްޔިތުންނަށް މޫދަށް އެރި އުޅޭނެ ރައްކާތެރި ފަތާ ފެންްގަނޑެއް ތަރައްގީ ކުރުމަކީ މި ސަރުކާރުން ފުވައްމުލަކަށް ކޮށްދިނުމަށް ވައުދުވެފައިވާ ކަމެކެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ބަޖެޓް ކުރަމުން އައި މި މަޝްރޫއުގައި ސޮއި ކުރުމަކީ، އެރަށު ރުކަކަށްފަހު ރުކެއް މޫދަށް ހަދިޔާ ކުރަމުން ދިޔަ ދިއުމަށް ނިމުމެއް އަންނާނެ ކަމެއް ކަމުގައި އެރަށުގެ އެތައް ރައްޔިތުންނެއް މިއަދު އުއްމީދުކުރެއެވެ. ރަށް ގިރެމުން ގޮސް، ނެތިދިއުމުގެ ބިރު ހިތްތަކުގައި އަށަގެންފައިވާ ރައްޔިތުންނަށް މި މަޝްރޫއާއެކު ތަސައްލީއެއް ލިބިގެން ދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *