ސިނަމާލެ ބްރިޖް ސަރަހައްދު -- ފޮޓޯ: އިސާމް / ޖަޒީރާ

ކޮވިޑް-19 ވެކްސިންގެގެ ބޫސްޓަރ ޑޯޒް ޖަހާ އަދަދު މައްޗަށް ދާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު، އިއްޔެ ނެގި 4،150 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 55 މީހެކެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 10 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 37 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހެކެވެ.

އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން 1،076 ސާމްޕަލް އަކީ މާލެ ސަރަހައްދުން ނެގި ސާމްޕަލްތައް ކަމުގައިވާއިރު، އެ ސަރަހައްދުން ޕޮޒިޓިވްވީ ނެގި ސާމްޕަލްތަކުގެ 1 ޕަސަންޓް މީހުންނެވެ.

މިވަގުތު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 1،924 ކޭސް އުޅޭއިރު، ޕޮޒިޓިވް މީހުންގެ ތެރެއިން 15 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އަދ މިހާތަނަށް ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ފެނުނީއްސުރެ މިހާތަނަށް އައިއިރު 93،119 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އަދި 90،924 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހަމައެއާއެކު، 396،162 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 365،482 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 19،432 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހޮރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 16 މީހެކެވެ. އަދި 150 މީހަކު ދެވަނަ ޑޯޒް ޖަހާފައި ވާއިރު 485 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ބޫސްޓަރ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާރމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓަރ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، ބޫސްޓަރ ޑޯޒުން ލިބިދޭ ރައްކާތެރިކަން މިހާރު ތަފާސްހިސާބުތަކުން ފެންނަން ފަށައިފިއެވެ. އެގޮތުން މިހާރު ކޮވިޑް ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހުން ބަލީގައި ބޮޑުވަރުވާ މިންވަރު ދަށްކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *