ސަރުކާރުން ކުރިޔަށްގެންދާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ، އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޚިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫޢުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީދުވަސް ފާހަގަކުރުމަަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ފެށިގެން އަންނަނީ، ދިރިހުރުމުގެ ޙައްޤާ ހަމައިންކަން ފާހަގަކޮށް ވިދާޅުވީ، ދިރިހުރުމުގެ ޙައްޤު ފުރިހަމަވަނީ، އަސާސީ އެތައް ޙައްޤުތަކެއް ގެތި ލާމެހިގެންކަމުގައެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެންމެ މުހިންމު އެއް ޙައްޤުކަމަށާއި، މި ޙައްޤު ލިބިދިނުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުން އަންނަކަން ރަޢީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު މަޝްރޫޢުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ، އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޚިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫޢުތަކެއްކަމަށެވެ. އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރުވެސް، އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މިސަރުކާރުން އަންނަނީ އެ ޚިދުމަތްތައް ޤާއިމުކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. މިދިޔަ ދެ އަހަރަކީ، މި ފަހުގެ ތާރީޚުގައި ރާއްޖެ ނުދެކޭފަދަ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހުނު ދެ އަހަރު. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް މެދުކެނޑުމެއްނެތި މިގެންދަނީ ކުރިއަށް."

ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުންފަދަ އަސާސީ ހައްގުތަކަކީ މީގެ ކުރިން ހަމައެކަނި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ޙައްޤުތަކެއްކަމުގައެވެ. އެހެންކަމުން މިސަރުކާރުގެ އަމާޒަކީ، މިޙައްޤުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކެއް ކަމުގައި ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިމަގުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދީ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ، އެކަމެއް ނައްތައިލުމަކީވެސް ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނީ، އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްގެންކަމަށެވެ. އެންމެ ނާޒުކު ޙާލަތުގައި ތިބި އެފަދަ މީހުންނަށް އަނިޔާކުރުމާއި ގޯނާކުރުމަކީ، ސަރުކާރުން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫންކަމަށެވެ. ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެމީހުން ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގައި ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *