ޖަޒީރާ ގްރެފިކްސް / އިފާޒް

އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައި، އޭނާއަށް ބަދަލުދޭން ނުޖެހޭކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފުލުހުންގެ ވަޒީފާއިން އައިޝަތު ރަޝީދު ވަކި ކުރީ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުނުތާ 3 އަހަރު ފުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުދާތީ 2017، އޮގަސްޓް 8ގައި ބޭއްވި "ސުވާލު މާޗް" ހިނގާލުމުގައި ބައިވެރިވި މައްސަލައިގައެވެ. މި މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަން ފެށީ އެއީ ގާނޫނާ ހިލާފަށް، ހުއްދަ ނުހޯދާ ބޭއްވި ހިނގާލުމަކަށް ވާތީއެވެ.

މި މައްސަލަ ބެލުމަށްފަހު އައިޝަތު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބާޑުން ނިންމީ 2017، އޮގަސްޓް 16ގައެވެ. ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ގަވާއިދާ ޚިލާފުވުމުން ކަމަށް ބުނެއެވެ. މި މައްސަލަ 2020، އޮކްޓޯބަރު 26ގައި ކޯޓަށް ހުށަހެޅުމުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި ބަދަލު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2021، ޑިސެމްބަރު 8ގައެވެ.

ރިޟްވާން ގެއްލުވާލިތާ 3 އަހަރުވުމާ ގުޅިގެން ބޭއްވި "ސުވާލު މާޗް" -- ފޮޓޯ: ރާއްޖެއެމްވީ

ސިވިލް ކޯޓުގެ ހުކުމާމެދު ކަނބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ ޓްވީޓް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ފަރާތުން ކުރީގެ ފުލުހުންގެ ބޯޑުގެ ނިންމުން ދިފާއުކޮށް މި މައްސަލާގައި ވާހަކަދައްކާ ހިސާބުން މި ގައުމުގައި އާދައިގެ މީހަކަށް އިންސާފު ހޯދައިދިނުމަކީ އެހާ މުހިންމު ކަމެއް ނޫންކަން ސާބިތުވވީ ކަމަށެވެ.

ކޯޓުން ހުކުމް ކުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ފެބްރުއަރީ 2012 ގައި ބަޣާވާތްކުރި ފުލުހުން އުޅުނު ގޮތާއި ދިން އަނިޔާތަކަކީ ޖަޒުބާތުގައި ޖެހުން ކަމަށްވެ، ޑިސިޕްލިނަރީ ފިޔަވަޅު އޮތީ ނާޅާ ކަމަށެވެ.

ކޮއްކޮއެއް ރަހުމުކުޑަކޮށް މަރާލުމުން އިންސާފު ހޯދަން ނުކުތީތީ އެޅި ފިޔަވަޅު ސައްހަ؟ ލޭގެ ގުޅުމުގައި ޖަޒުބާތެއް ވެސް ހަމަ ނޯވޭ؟

ރިޟްވާން ގެއްލުވާލިތާ 3 އަހަރުވުމާ ގުޅިގެން ބޭއްވި "ސުވާލު މާޗް" -- ފޮޓޯ: ރާއްޖެއެމްވީ

މި މައްސަލައަށް ބަލާލާއިރު، މައްސަލައިގެ ތަހުގީގަށް އައިޝަތު ދިން ބަޔާނުގައި އެނާ ވަނީ އެއްވުމުގައި ބައިވެރިވިކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެއީ ހުއްދަ ނުނަގާ ބޭއްވި އެއްވުމެއްކަން އޭނާއަށް ނޭނގޭ ކަމަށާއި އެއްވެސް ސިޔާސީ އެއްވުމެއްގައި ބައިވެރިނުވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އައިޝަތު ވަޒީފާއިން ވަކިކުރުމުން އޭނާ ކޯޓަށް ހުށަހެޅީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ސިވިލް ކޯޓުން މައްސަލަ ބަލައި ނިމޭ ތާރީހާ ހަމައަށް ހައްގުވާ މުސާރަ އާއި އިނާޔަތް ހޯދުމަށެވެ.

މި މައްސަލާގައި އޭނާއަށް ބަދަލު ދޭން ހުކުމްކުރި ނަމަ، ބަދަލުގެ ގޮތުގައި 441،000 ދިވެހި ރުފިޔާ ލިބޭނެއެވެ. ނަމަވެސް ކޯޓުން މި މައްސަލަ އޭނާއާ ދެކޮޅަށް ނިންމީ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވުމަށް ފަހު ގާނޫނު ނޭނގޭ ކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއް ނޫން ކަމަށް ބުނެއެވެ.

މި މައްސަލާގައި ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާ، ކޯޓުން ތާއިދުކޮށްފައިވާ ގޮތުގައި އެ އެއްވުމަކީ މީހަކަށް ގެއްލިގެން އުޅޭ ހައްގެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށް ވުރެ ސިޔާސީ ކުލަޖެހިގެން ބޭއްވި އެއްވުމެކެވެ. އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި މި އެއްވުމުގެ ބައިވެރިން ގެންގުޅުން ބޯޑުތަކާއި ބެނާތަކުގައި ހުރި ލިޔުންތައް ފާހަގަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *