މާލޭ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް އެމްޑަބްލިއުއެސްސީން ބަރާބަރަށް ބަލަަހައްޓަމުން ނުގެންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ހޫނު ރައްދެއް ދެއްވައިފިއެވެ.
މާލޭގެ ބައެއް މަގުތަކުގައި މިއަދު ފެންބޮޑުވުމުން މޭޔަރު ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް އެމްޑަބްލިއުއެސްސީ އަށް ނުބެލެހެއްޓޭ ކަމަށާ އެ ޕަމްޕުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން "ޖަޒީރާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާލޭގައި ފެންބޮޑުވެފައި އޮތުމުން ޑރ.މުއިއްޒު ކިތަންމެ ބޮޑަކަށް ކޯފާ ވިޔަސް ފެން ހިންދާ ނިޒާމަށް ދިމާވެގެން އުޅެނީ ޑިޒައިން ކުރުމުގައި ދިމާވެގެން އުޅޭ މައްސަލަތަކެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީން ޕަމްޕުތައް ނުބަލަހައްޓާކަމަށް މުއިއްޒު ވިދާޅުވި ވާހަކަ ދޮގުކުރައްވާ ޝާހު ވިދާޅުވީ އެކުންފުނިން ފެންހިންދާ ޕަމްޕުތައް ބަރާބަރަށް މެއިންޓެއިންކޮށް ޓެސްޓުކުރާ ކަމަށާއި ފެންބޮޑުވާ ހުރިހާ ގަޑިއެއްގައިވެސް ޕަމްޕުތައް ހުންނަނީ ޖައްސާފައި ކަމަށެވެ. އެހެންކަމުން ޕަމްޕުތަކުގެ މައްސަލައެއް ނެތް ކަމަށާ ދިމާވަނީ ޑިޒައިން ކުރިއިރު ކުދި ޕަމްޕްތަކެއްލާފައިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށެވެ.
ޝާހު ވިދާޅުވީ ކުދި ޕަމްޕުތަކެއް ލާފައި ހުރުމުން ފެން ބޭރުވާނީ އެއެއްޗިއްސަށް އޮބި އޮންނަ ވަރަކުން ކަމަށާއި މިހާރު ހުރިވަރަށްވުރެ ބޮޑުޕަމްޕުތައް ލައިފަ ހުރިނަމަ ފެން ހިނދޭލެއް އަވަސް ވާނެ ކަމަށެވެ.
ދެވަނަ ކަމަކަށް ޝާހު ފާހަގަކުރެއްވީ ޑިޒއިނިންގެ މައްސަލައެވެ. ޝާހު ވިދާޅުވީ ފެންހިންދާ ނިޒާމް ގާއިމް ކުރިއިރު ގެތަކުގެ ފުރާޅުން ފައިބާ ފެންވެސް އެކަށީގެންވާ ވަރަށް ބޭރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަމަށެވެ. އަދި ފެން ހިންދާ ނިޒާމް ގާއިމްކޮށްފައިހުރީ ވާރޭވެހި، ހުއްޓާލާތާ ގާތްގަނޑަކަށް ދެ ތިން ގަޑިއިރުތެރޭގައި ފެން ހިންދޭ ގޮތަށް ކަމަށާ އެހެންކަމުން ވާރޭ ވެހޭއިރު ދެ ތިން ގަޑިއިރަށް ފެންނުހިނދި އޮތަސް އެމްޑަބްލއި އެސްސީއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ބޭރު، ބޮޑުތަކުރުފާނު މަގުން އަންނަނީ އަމީނީ މަގަށް ކަމަށާ އަދި ބްރިޖުން ފައިބާ ފެންވެސް ފަހިވަނީ މާލެތެރެއަށް ކަމަށެވެ. އެހެންކަމުން މިހުރިހާ ކަމަކަށް ރިޢާޔަތްކުރާއިރު އެންމެ ބޮޑު މައްސަލައަކީ ޕަމްޕުތަކުގެ ސައިޒް ކަމަށާ މިހާރު ހުރި ޕަމްޕުތައް އަޕްގްރޭޑް ވާންޖެހޭ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. އަދި ކާނުތައްވެސް އެކަށީގެންވާ ވަރަށް ސާފުނުކުރެވި ހުރުމުންވެސް ފެންހިންދުމަށް ދަތިވާކަން ޝާހު ފާހަގަކުރެއްވިއެވެ.
ޝާހު ވިދާޅުވީ ޕަމްޕުތަކަށް ބަދަލެއް ގެންނަ ނަމަ، އެކަން ކުރާނީ ޕްލޭނިން މިނިސްޓްރީން ބުނާ ގޮތަކަށް ކަމަށާ ފެން ހިންދުމުގެ ނިޒާމު އަޕްގްރޭޑް ކުރާނަމަވެސް އެ މިނިސްޓްރީން ބުނާ ގޮތަކަށް އެކަން ކުރިއަށް ގެންދަވާނެ ކަމަށެއެވެ.
މާލޭގައި މިހާރު ގާއިމްކޮށްފައިވާ ފެންހިންދާ ނިޒާމަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރަކަށް މިހާރު މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ހުންނަވައިގެން އެކުލަވާލެއްވި ނިޒާމެކެވެ. މިނިޒާމު ގާއިމްކުރިފަހުންވެސް މާލޭގެ ފެންބޮޑުވާ މައްސަލައަށް އެކަށިގެންވާ ހައްލެއް ލިބިފައި ނުވެއެވެ.