ހުޅުމާލޭގެ ތަރައްގީގެ ކަންކަން ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް، އިފްތިތާހު ކޮށްފިއެވެ.
މި ބްރޭންޑް އިފްތިތާހު ކުރީ މި ކަމަށްޓަކައި ހޮޓެލް ޖެންގައި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއީލް ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ފަރާތްތަކާއި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނަރ ކުންފުނިތަކާއި އެކުގައި މަސައްކަތް ކުރަ ފުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލް ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރެވެ. ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނެއެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ
ވެސް އެއް އަމާޒެވެ.
މީގެ އިތުރުން ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ވެސް ހިމެނެއެވެ.
ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސް ތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ. އަދި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ސްމާޓްކޮމްއާއެކު ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކުންފުނިން ބުނީ މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗްޑީސީން މިހާރުވެސް ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާ އެކީގަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ.