ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކ. މާފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ އޮޕަރޭޝަނުގައި 6 ފިރިހެނުން ހައްޔަރުކޮށްފައި ވާއިރު، 5 މީހުންނަކީ ދިވެހިންނެވެ. މި އޮަޕަޜޭޝަންތަކުގައި ހައްޔަރު ކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ 29 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކާއި 51 މީހެކެވެ. ދެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމަށް އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެރަށް ބަނގުރާ އެތެރެކޮށް ބަނގުރަކުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ޑިސެމްބަރު 9 ވަނަ ދުވަހު ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި 34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކޮށެވެ. އަދި އެ ސަފާރީ ބަލައިފާސްކޮށް 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުުުުނެއެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.