ރާއްޖެއަށް އިތުރު ސިއްހީ ޚިދުމަތްތެރިން ގެނައުމަށް ރާއްޖެއާއި ކިއުބާ ސަރުކާރާއެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ޕްރައިމަރީ ހެލްތް ކެއަރ ސިސްޓަމް އިތުރަށް ކުރިއެރވުމަށާއި، ކިއުބާއިން ސިއްހީ ޚިދުމަތްތެރިން ގެނައުމަށް ވަނީ އެއްބަސްވެފައެވެ.
ކިއުބާއިން ސިއްހީ ޚިދުމަތްތެރިން ގެންނަން އެއްބަސްވެފައި މިވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ހުއްޓުވުމަށާއި، ގައިން ގަޔަށް އަރާ ބަލިތައް ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމުގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރު ސޮއި ކުރެއްވިއިރު، ކިއުބާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ ހޯސޭ އެންހަލް ޕޯޓަލް މިރަންޑާ އެވެ.