ފެލިވަރުގައި އަލަށް ގާއިމްކުރި އައިސްޕްލާންޓާއެކު ދުވާލަކަށް 125މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހު ފެލިވަރުގައި ހުޅުވި އައިސް ޕްލާންޓަކީ  50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެވެ. މިއީއެކު ފެލިވަރުގައި ދުވާލަކަށް އައިސް އުފެއްދޭ މިންވަރު 125މޓ އަށް އިތުރުކުރެވޭނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ ފައުޒީ ވަނީ ވިދާޅުވެފައެވެ. 

މި އައިސްޕަލާންޓް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އައިސްޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.  އެގޮތުން ކުރިޔަށްއޮތް އަހަރުތަކުގައި، މަސްވެރިކަމުގެ ސިނާއަތުގެ މަޝްރޫއުތަކަށް 900 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ފެލިވަރުގެ ތާރީޚުގައިިވެސް އެންމެ ގިނަ ޢަދަދަކަށް ފެލިވަރަށް މަސް ގަނެފައިވަނީ ވޭތުވެގެންދިޔަ 3 އަހަރުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަލަށް ހުޅުވި އައިސްޕްލާންޓާއެކު، އައިސް ގަތުމަށް ކިޔުގައި މަޑުކޮށްގެން މަސްދޯނިތަކަށް ތިބެންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވޭނެކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުގައި ހުޅުވި އައިސްޕްލާންޓްގެ އިތުރަށް އިއްޔެ ވަނީ ކ. ގާފަރުގައިވެސް އައިސް ޕްލާންޓެއް ހުޅުވާފައެވެ. އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *