ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބައެއް ފަހަރަށް މީހުންގެ ކުރިމައްޗަށް ނިކުމެ މިނިވަންކަމާއެކު ހިތުހުރި އެއްޗެއް ގޮވާލަން ފުރުސަތު ލިބުމުން ކިޔޭ ނުކިޔޭ އެއްޗެއް ފަހުމު ނުވާތަން އާދެއެވެ. އެދެއްކޭ ވާހަކައަކުން މީހުންގެ އަބުރަތް އަރައިގަނެވޭތަން އާދެއެވެ. އަދި ތިމާކޮށްފަ ހުންނަ ކަންތައްތައް އަމިއްލަ އަނގައިން ބޭރުވެ ބޭޒާރުވާތަންވެސް އާދެއެވެ. ރޭގަ އިވިގެންދިޔައީ ވެސް އެފަދަ ވާހަކަތަކެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވާހަކައަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވި މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް އެ ހާދިސާއާ ބެހޭގޮތުން ރައީސް ޔާމީން މީގެ ކުރިން ހާމަ ނުކުރައްވާ މައުލޫމާތުތައް ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި މި ވަނީ ހާމަ ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ 2018، ފެބްރުއަރީ 1، ވަނަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށެވެ. 2018، ފެބްރުއަރީ 1 ވަނަ ދުވަހަކީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭހެން ބަންދުގައި ތިބި 9 މީހަކު ދޫކޮށްލުމަށާއި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ މަގާމު ވަކި ނުވާ ކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހެވެ.

އެ ދުވަސް ރައީސް ޔާމީން ފާހަގަކުރެއްވީ ޖުޑިޝަރީ ތެރެއިން ގެނައި ޝާހީ ބަޣާވާތްޕުޅެއްގެ ގޮތުގައެވެ.

ފެބްރުއަރީ އެކެއްގެ އަމުރާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށްވުމާއެކު އަވައްޓެރި އެއްވެސް ގައުމަކުން އެކަމާ ނުބެހޭ ކަމަށެވެ. އަދި ސަރަހައްދީ ގައުމުތަކަށް ކަންހިނގާދިޔަ ގޮތް ސާފުކޮށްދިނުމަށް ސަފީރުންނާއި ސަރުކާރުގެ އެކި އެކި ބޭފުޅުން ވަޑައިގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުގެ މަތިން އޭރުގެ ފޮރިން މިނިސްޓަރު ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ގައުމުން އޭނާއާ ބައްދަލުކުރާނެ މީހަކު ނެތިގެން އަނބުރާ ވަޑައިގަންނަވަން ޖެހުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ އެކެއްގައި ނެރުނު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށްގެން އިންޑިއާއިން ދިވެހި ސަރުކާރަށް 3 ސިޓީއެއް ފޮނުވި ކަމަށެވެ. އެގޮތުން އެއް ސިޓީއަށް ޕޮލައިޓްކޮށް، ޑިޕްލޮމެޓިކްކޮށް ޖަވާބު ދެއްވި ކަމަށާއި ދެވަނަ ސިޓީއަށް ޖަވާބު ދެއްވަން އުނދަގޫވެވަޑައިގެންނެވި ކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތިން ވަނަ ސިޓީއަށް ރާއްޖެއިން ޖަވާބު ނުދޭ ކަމަށާއި، އެއީ ޖަވާބު ދިނުމުގެ ބޭނުމެއް ނެތުމުން ކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމަށް އެހާބޮޑަށް މަސައްކަތްކުރީ ކީއްވެތޯ ސުވާލު އުފައްދާ ރައީސް ޔާމީން ވަނީ، އެ ސުވާލުގެ ޖަވާބު ދެއްވަން ޖެހޭނީ ސިޔާސީ ލީޑަރުން ކަމަށެވެ.

އިންޑިއާގެ ވާހަކަ ފާހަގަ ކުރރެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ އެއްވެސް ދާހިލީ ހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އުދުވާނީ ހަމަތަކެއް ރާއްޖެ އަށް އަތުވެދާނެތީ ނުވަތަ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި، މަގުތަކުގައި ހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޓިނު ނަގަން ޖެހުނު ހަމައެކަނި ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ބައެއް ގާނޫނުތައް ސަސްޕެންޑް ކުރައްވަން ބޭނުންވެވަޑައިގެންނެވީ އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމުން ކަމަށެވެ.

ކޮރަޕްޝަނުގެ މައްސަލައަކީ އާމްދަނީއާ ނުބައްދަލު ތަނަވަންސްކަމާއި، ހުޅުމާލެއާއި މެލޭޝިޔާއިން އެޕާޓްމަންޓްތައް ހޯއްދަވަފައި ހުރިކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި މި ހަގީގަތް އޭރު ފުލުހުން ހާމަކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ އަޅުގަނޑަށް ލާޒިމުވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި މައްސަލަތައް ބަލަން. މޯޓިވްއެއް ކަމަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ލިބުނު އަގު ބޮޑު ހަދިޔާ. އޭރު މަނީ ލޯންޑްރިންގެ ގާނޫނުއޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަން މީގެ ތެރެއަށް ފެތޭނެ

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް އޭގެ ފަހުން އެކުލަވާލިކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އިންނަވާ ބެންޗަކުން އޭނާ އަމިއްލަ އަށް ތަހުގީގީ އިދާރާއަށް ގެންދަން ބޭނުން ނުވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރުގޭގައި ހިނގާ ކަންކަން އެހާ ވަރަށް ސަރުކާރުން އޭރު ބަލަމުން ނުދާ ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް މާއްދާއެއް އޮތް ކަން އެނގިވަޑައިގެންނެވީ ވެސް މިފަދަ މައްސަލައެއް ފެންމަތިވުމުން ކަމަށެވެ.

ފަނޑިޔާރުން ތަހުގީގީ އިދާރާތަކަށް ހާޒިރު ކުރެވެން އޮތީ އެ މާއްދާ އުވާލައިގެންކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މާއްދާ އުވާލެވެން އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކަމަށެވެ. ފަނޑިޔާރުން ތަހުގީގު އިދާރާތަކަށް ހާޒިރު ކުރަން ކުއްލި ހާލަތު އިއުލާން ކުރުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ޓިނު ނަގަން ޖެހުނު ސަބަބަކީ

ގާނޫނުން މިކަން ދެކެނީ ކިހިނެތް؟

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މިކަމުގައި ރައީސް ޔާމީން ކަންކުރެވީ ގާނޫނީ އުސޫލުތަކާ ތަފާތުކޮށް ކަމަށެވެ. ގާނޫނީ އުސޫލުތަކުން ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ ހާލަތްތަކަށް ނުވަތަ ކުއްލި ހާލަތު ދަންމަންޖެހޭ ކަހަލަ ހާލަތްތަކަށް ބަލާއިރު، ފަނޑިޔާރަކު ހައްޔަރު ކުރުމަކީ އެފަދަ ހާލަތެއް ނޫން ކަމަށެވެ.

ފަނޑިޔާރަކާމެދު ފިޔަވަޅު އަޅާނަމަ އެކަން ކޯޓުތަކާއި ބެހޭ ގާނޫނާއި ފަނޑިޔާރުންނާ ބެހޭ ގާނޫނުގެ މާއްދާއެއް ސަސްޕެންޑް ކުރުމަށް ކުއްލި ހާލަތު ބޭނުންކޮށްގެން ގޮށްމުށުގެ ބޭނުން ކުރުމަކީ އެއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އުސޫލުތަކެއް ނޫން

ވަކީލު ވިދާޅުވި ގޮތުގައި ފަނޑިޔާރަކާމެދު ކުރެވޭ ތުހުމަތެއް ބެލުމަށް ނުވަތަ ފިޔަވަޅު އެޅުމަށް ކުއްލި ހާލަތު އިއުލާން ކޮށްގެން ކަންކަން ކުރަންޖެހޭ ހަމައެއް ނޯންނަ ކަމަށެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރަން ނުވަތަ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ކުރެވޭނަމަ އެކަމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތަކެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާން ކުރާގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ ކުށުގެ ވެށިން ނޫން ގޮތަކަށް ނަމަ ދެން ތިބި ފަނޑިޔާރުންގެ އިޒުނަ ހޯދައިގެން އެރައުޔާ އެކީގައި ކަމަށެވެ.

އެކަމުގައި ރައީސް ޔާމީނަށް އަމަލު ކުރެވިދާނެ އަނެއް ގޮތަކީ ކޮރަޕްޝަނާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާ ގުޅުންހުރި މުއައްސަސާތަކުން ކަންކަން ކުރުމުގައި ކަނޑައަޅަންޖެހޭ އުސޫލުތަކާ އެއްގޮތަށް ނުދާ ނަމަ، ފުލުހުންނަށްވެސް އެ މައްސަލަ ބެލުމުގެ އިޚްތިޔާރު ގާނޫނީގޮތުން ދީފައި އޮންނަ ހާލަތެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު އޭސީސީވެސް އޮތް، އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ރައީސް ޔާމީނަށް ލިބިގެންވޭ، ހަމައެއާއެކު ޕްރޮސެކިއުޓަރ ޖެނެރަލަށް ވެސް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވޭ.

ކޮރަޕްޝަނާ ފަސާދައަކީ ޖިނާއީ މައްސަލައަކަށް ވެފައި، ކަމާ ގުޅުންހުރި އިދާރާތަކުން އެ މައްސަލަ ނުބަލާ ކަމަށްވާނަމަ އެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުން، އެ މުއައްސާތަކުގެ މައްޗަށް އަމުރެއް ނެރުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ އެ ޕްރޮސެސް އަށްވެސް ރައީސް ޔާމީން އަމަލު ކުރައްވާފައި ނުވާ ކަމަށެވެ.

ދެން އޮތް ގޮތަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި މިނިވަން މުސްތަގިއްލު ފަނޑިޔާރުންނާއި އެހެން އިދާރާތަކުގައި ތިބޭ މީހުން ޖަވާބުދާރީ ކުރުވުމަކީ ގާނޫނީ އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ހިފުން ކަމަށް ވަކީލު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެހެންކަމުން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ގާނޫނީގޮތުން ބާރުލިބިފައިވާ މުއައްސަސާތައް ހުރެމެ، އެ މުއައްސަސާތަކުން އެފަދަ މައްސަލައެއް ހުށަހެޅުއްވުމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުކުރައްވާ، އެފަދަ ހާލަތެއް ވުޖޫދަށް ގެނައުމަށްޓަކައި ކުއްލި ހާލަތު އިއުލާން ކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވަކީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅޭގޮތުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ގާނޫނީގޮތުން ދުސްތޫރީ އުސޫލުތަކާ ތަޢާރުޒުވޭ އެކަން އެގޮތަށް ކުރުމުން

ވަކީލު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރު ކުރުމަށްޓަކައި ކުއްލި ހާލަތު އިއުލާންކޮށް، ބައެއް ގާނޫނީ މާއްދާތައް ސަސްޕެންޑްކޮށް އެ ގާނޫނުގެ ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ރާއްޖެ ގަބޫލު ކުރާ ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށްފައި ހުރި ބައެއް މުއާހަދާތަކާ ވެސް ތަޢާރުޒުވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އުސޫލީ ހަމަތަކާ މުޅިން ބޭރުން މިކަން ހިނގަފައި އޮތީމަ އެއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރި ކަމެއްގެ ގޮތުގައި ގަބޫލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން ތިމާގެ ގަޓުކަން ދެއްކުމަށް، ނުވަތަ ތިމާއަށް ކުރެވުނީ މާމޮޅުކަމެއް ކަމަށް ދެއްކެވުމަށް، ޖަލްސާގައި ރައީސް ޔާމީން މިދެއްކެވި ވާހަކަތަކުން އެމަނިކުފާނު ގާނޫނީ ގޮޅިއަކަށް ނުފެތޭނެތޯ ސުވާލު އުފެދެއެވެ. ރާއްޖޭގައި ފަސް އަހަރުގެ ވެރިކަމެއް ކުރެއްވި ބޭފުޅަކު ތިމަން މަނިކުފާނު ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިންތަކެއްގެ ފިޔަ ކޮށާލަން އެތަނުގެ ފުރާޅުން ޓިނު ނެންގެވީ އެހެންވެޔޭ، މިހެންވެޔޭ ދެންނެވުމުން އެކަމަށް ގާނޫނު ދަންނަ އެއްވެސް ބޭފުޅަކު މަރުޙަބާ ކިޔާނެތޯ ހަމަ ސުވާލު އުފެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *