މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް މާލެއަތޮޅު ގާފަރަށް އިއްޔެ ފެށްޓެވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ޒިޔާރަތް ކުރައްވާފައެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފައެވެ. އެ ސަރަހައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ގާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.
މީގެ އިތުރުން ވެސް ރައީސް ސޯލިހް ވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވަާފައެވެ. އަދި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހް ވަނީ މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ނައިބު ރައީސް ވަނީ ގާފަރު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވާފައެވެ.
މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް ސޯލިހް ވަނީ ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށްފަހު، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކޮށްލެއްވުމަށްފަހު، އެމަނިކުފާނު ވަނީ ގާފަރުގެ ހެލްތް ސެންޓރަށް ޒިޔާރާތްކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.