ބަޖެޓުކޮށްފައި ހުރި ބައެއް ކަންކަން ނުފެށި ލަސްވާތީ، ގާފަރު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެއަތޮޅު ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ސޯލިހް ބައްދަލު ކުރެއްވީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގައި އިއްޔެ ހުޅުއްވައި ދެއްވި 25 ޓަނުގެ އައިސް ޕްލާންޓާއި، މިއަދު ހެނދުނު އެރަށުގައި ތައާރަފްކުރި ފުލުހުންގެ ޚިދުމަތް ތައާރަފްކޮށްދެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މިއަދު ހެނދުނު ގާފަރު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސް ސޯލިހާ ހިއްސާ ކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބިން ހިއްކުމަށް ބޭނުންވާކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މަސައްކަތް ނުފެށި ލަސްވުމުން ހުރި ކަންބޮޑުވުންތަކާއި، ރަށްގިރުމުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ މަސައްކަތް ބަޖެޓުގައި ހިމެނުނު ނަމަވެސް މަސައްކަތް ނުފެށި ލަސްވާ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި ބޭންކިންގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އޮފީސް މަސައްކަތްކުރުމަށް ވަކި ހާއްސަ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދާތިކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ސްކޫލްގެ މައްސަލަ ނޫން އެހެން ހުރިހާ ކަމެއް ވަނީ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ކޮންމެވެސް އެއް މަރުހަލާއެއްގައި މަސައްކަތް ކުރިއަށް ހިނގަ ހިނގާ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނައިބު ރައީސް ވަނީ ރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ގާފަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ސޯލިހް ވަނީ ކ. ގާފަރުގައި އަލަށް ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ. ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ހުޅުވުނު މި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *