މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުޙަބާ ކިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކ. ގާފަރަށް މިހާރު ކުރައްވަމުންގެ ގެންދަވާ ދަތުރުފުޅުގައި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައެވެ. އެގޮތުން އެމަނިކުފާނު ވަނީ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައި މަސްވެރިކަމުގެ ކުރިމަގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރޭ ގާފަރު ބަނދަރު ސަރަހައްދުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި ކަންކަމުގެ ތެރޭގައި، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހުރި މީހުން ކަމުގައިވުން މުހިންމުކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސްވެރިން ވަނީ، ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައެވެ. މިގޮތުން، މާލީކަންކަމުގައި ދިމާވާ ގޮންޖެހުމާއި، ބޭންކިންގ އަދި، މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތަކަށް މަސްވެރިން ވަނީ އަލިއަޅުވާލާފައެވެ.
މީގެ އިތުރުން ވެސް މަސްކިރުމުގެ އިންތިޒާމް ލަސްވުމުގެ ސަބަބުން މަސްބާނާ މޫސުމުގައި ނުހަނު ބޮޑެތި ދަތިތަކާކުރިމަތިވާ ކަމަށާއި، މިކަންކަމަށް އެކަށޭނަ ހައްލެއް ގެނެސްދެއްވުމަށް މަސްވެރިން ވަނީ ރައީސް ސޯލިހްގެ އަރިހުގައި ދަންނަވާފައެވެ. އަދި، ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަހައްދުތަކުން ހައްދަވައިދެއްވުމުގެ މުހިންމުކަމާއި، މަސްވެރިކަން ތަރައްގީކުރުމަށް ބޭނުންވާ އިތުރު ކަންކަން މަސްވެރިން ފާހަގަކުރިއެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވަނީ މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުހަބާ ކިޔާކަމުގައި ވިދާޅުވެ، މަސްވެރިން ފާހަގަކުރި ކަންކަމުގައި އެދެވޭ ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.