ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަކީ، މަސްދޯނިފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގާފަރުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ގައުމެއް ކަމަށާއި، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ ކަމަށެވެ.
މިސާލު ޖައްސަވާ އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވާރކްތަކުން، އަބަދާއި އަބަދު ހަރަކާތްތެރިވާ ކަމަށެވެ. އަދި ޓެރަރިޒަމާއި އެހެނިހެން ވަގުވިޔަފާރިއާއި، ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގާ ފަރާތްތައް، މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ޑްރަގް ވިޔަފާރި ކުރާ މީހުންނާއި ޓެރަރިސްޓުން ރުހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެވަރުގެ މަދަދެއް، ރާއްޖެއަށް ލިބުމަކީ، ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަކީ، މަސްދޯނިފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެސްދޭނަން.
ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު، މިފަދަ ބޭނުންތަކަށް ދޫނުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، މިހާރު ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި މަސްތުވާތަކެތީގެ ނެޓްވަރކަށް ނިސްބަތްވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.