ރައްޔިތުންގެ އެންމެ ލޯލާރިއަކަށްވެސް ޚިޔާނާތްތެރިނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވީ 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ވެރިކަމުގެ މަސްއޫލިއްޔަތާ ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް އެމަނިކުފާނުގެ ހަނދާނުން ކެހިގެނެއްނުދާނެކަމަށާއި، އަދި ރައްޔިތުންގެ އެންމެ ލޯލާރިއަކަށް ވެސް ޚިޔާނާތްތެރި ނުވާނެކަމަށެވެ.
މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތަށް މިލިއަންރުފިޔާއެއް ނުދީ ހުރިކަން ފާހަގަކުރައްވާ ރައީށް ވިދާޅުވީ މި ސަރުކާރުގެސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖައްސައި، ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުންކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ނުދީ، އެފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮއްގެން، އޭގެ މަންފާ ނުހޯދުންކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްގު، ދީ ޚަލާސް ކުރުންކަމަށާއި، އެކަން މިހާރު ވަނީ ކޮށް ނިމިފަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މިހަރު މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައިކަމަށާއި، ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ، އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް މުޅިން އަލަށް ހޯދާ ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައިކަމަށާއި، އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެ ގެނެސްފައިކަން ފާހަގަކުރެއްވިއެވެ.
ނިމެންމިދާ 2021 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް މިފްކޯއަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެކަމަށާއި، މިއަހަރުގެ މިހާތަނަށް 50،000 މެޓްރިކް ޓަނަށް ވުރެ ގިނަމަސް މިފްކޯއަށް ކިރާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 775 މިލިއަން ރުފިޔާ ވާނީ މަސްވެރިންނަށް ދީފައި މިއީ އަތުން އަތަށް ސީދާ މަސްވެރިންނަށް މިފްކޯއިން ދީފައިވާ އަދަދުކަމަށް ރައީސް ވިދާޅުވިއެވެ.