މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ---- ފޮޓޯ: ރައީސް އޮފީސް

މަސް ބޮޑު އަގުގައި ވިއްކަން ބޭނުންވިޔަސް، އެ އަގުގައި މަސް ގަންނާނެ ބަޔަކު ނެތިއްޔާ މަސްވެރިކަމަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަން މަސްވެރިންނާއި ކަމާ ބެހެ ފަރާތްތައް އަދި ސިޔާސީ މީހުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ބާއްވާ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ހުސައިން ރަޝީދު ހަދަން ވިދާޅުވީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދޭން ބޭނުންފުޅުވާ ކަމަށާއި، އެކަމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މަހުގެ އަގު ބޮޑު ކުރި ނަމަވެސް މާކެޓުގައި އެ އަގުގައި މަސް ގަންނާނެ ބަޔަކު ނެތް ނަމަ އެޔަކުން ވާނެ ފައިދާއެއް ނެތް ކަން މަސްވެރިން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެގޮތަށް ކަންތައް ކުރާއިރު ބާޒާރުގައި އެއަށް ވުރެ ހެޔޮ އަގުގައި މަސް ވިއްކާނެ ބަޔަކު ތިބި ނަމަ ވިކޭނީ އެ މަސް ކަމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސް ނުވިކޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެކްސްޕޯޓް ކުރުމުގައި ވެސް އަދި އެހެން ގޮތް ގޮތުން ވެސް ލިބެން ހުރި ފުރުސަތުތައް ގެއްލިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަހަށް ހެޔޮ އަގު ހޯދަދޭން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކްސްޕޯޓްކުރާ މާކެޓުގައި ވެސް މަހުގެ ރަނގަޅު ހޯދައިދޭން ފޮރިން މިނިސްޓްރީ އާއި، އެ ނޫން ވެސް ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މަހުގެ ހެޔޮ އަގު ހޯދައިދޭން މިހާރު ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ދިވެހިން ބާނާ މަސް ބްރޭންޑެއްގެ ގޮތުގައި މާކެޓަށް ނެރުން ކަމަށެވެ. އެގޮތުން ދިވެހިރާއްޖެ އޭ ބުނުމުން މިހާރު ނޭނގޭ ބަޔަކު ނުތިބޭނެ ކަމަށާއި، ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިން ބާނާ މަސް ޕްރޮމޯޓްކޮށް ވިއްކުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް މަސްވެރިންނާއި ގުޅިގެން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަސްވެރިންގެ އަޑު ނާހާ ކަމަށް ބުނެ ބަޔަކު ދައްކަމުންދާ ވާހަކައެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު މިނިސްޓަރ ކަމާ ހަވާލުވެވަޑައިގެން މި ވީ ކުރު މުއްދަތުގެ ތެރޭގައި ވެސް ރާއްޖޭގެ މަސްވެރިކަން ކުރި އެރުވުމަށާއި، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހޯދުމަށް މަސްވެރިންނާ އެއް މޭޒެއްގައި ބައްދަލުކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *