އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ޙަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަކަމަށެވެ. މޫސުމާ، ނުމޫސުމުގައިވެސް، ދިވެހިން ކަނޑުފަޅު ނުފީނާ ދުވަހެއް ފާއިތުވެ ގޮސްފައި ނުވާކަމަށެވެ.
އެހެން އެއްވެސް ވަޞީލަތެއް، މަގެއް ފެނިފައި ނެތް ދުވަހު، އޮތް ހަމައެކަނި މަގަކީ، ވަށާ ފެތުރިއޮތް މާސިންގާ ކަނޑުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގައި، މުޅިދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔައިރު ނުހުއްޓި ހިނގާހިނގާ އޮތް އިގްތިޞޯދުގެ ލޭނާރަކަށްވީ މަސްވެރިކަންކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާކަމަށެވެ. ދުވަހުން ދުވަހަށް، މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާ ތަކުލީފު މަސްވެރިން އުފުލަން ޖެހުމަކީ، ވެގެންވާނެ ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެތަށް ދުވަހަކު ކަނޑު ތަހަންމަލު ކުރުމަށް ފަހު، ޢާއިލާ އާއެކު ރަށުގައި ހުންނަ ދުވަހު، އެފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެކަމަސާއި، އެދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ، ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތަށް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ - އަދިހަމަ ނުބެޔަސް ނުދީ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން. މަސްވެރިންނަށް ފައިސާ ނުދީ، އެފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮއްގެން، އޭގެ މަންފާ ނުހޯދުން.
އަގު ދިނުމާ އެއްވަރަށް ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމް ހަމަޖެއްސުމަކީ، ވިޔަކޮށް ހިސާބު އަކުރުން ހޯދަން ޖެހުނު ޙައްލެއްކަމުގައެވެ.
ރައީސް ވިދާޅުވީ، ފުރަތަމަ ޖެހުނީ މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދައި، ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށްބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކުންފުނި ހިންގޭނެ މަގެއް ހޯދުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިމަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދިނީ ރާއްޖޭގެ މަސްވެރިންކަމަށާއި، އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު ގެނައި ވަގުތީ ބަދަލުގެ، ބުރަ އުފުއްލީ މަސްވެރިން ކަމުގައި ވާތީކަމަށެވެ. ހިތްހަމަ ނުޖެހުމާ، ނުތަނަވަސް ކަމާއެކުވެސް، ކުރުމުއްދަތަކަށް އެހިތި ބޭސް، މަސްވެރިން ބޭނުން ކުރެއްވުމުން ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހާ ގާތުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެކަމަށެވެ.
އެބަދަލަށް ސަރުކާރުން އެތައްކަމެއް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު ލިބިފައިވާކަމަށެވެ. ރަނގަޅެއް ހޯދުމަށް މަސްވެރިންނާ ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނިނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެދުވަހުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.