ރާއްޖެވެސް ހިމެނޭގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ކުދިން، ދުޅަހެޔޮ، ތަޢުލީމީ، އަދި ބާރުވެރި ބަޔަކަށް ހެދުމުގައި ޔުނިސެފްއިން ވޭތުވެދިޔަ އަހަރުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެ އެޖެންސީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ވަރޗުއަލްކޮށް ބުރާސްފަތިދުވަހު ހެނދުނު ބޭއްވި "ރީއިމޭޖިނިންގ އޮޕޮރޗުނިޓީސް ފޯ ޗިލްޑްރަން އިން ސައުތު އޭޝިއާ" އިވެންޓުގައި ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ދެކުނު އޭޝިޔާގައި ހުންނަ ޔުނިސެފްގެ ސަރަޙައްދީ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މި ހައި-ލެވެލް އިވެންޓުގައި، މި ސަރަޙައްދުގެ ސަރުކާރުތަކުން ވީޑިއޯ މެސެޖްތައް ހުށަހެޅިއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެސެޖް ދެއްވާފައި ވަނީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކޮށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.

ޔުނިސެފުން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 43 އަހަރު ކުރިން ފެށިގެންނެވެ.  ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިގޮތުގައި އޭގެފަހުން، ރާއްޖެ ވަނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށް، އަދި މިހާރު ވަނީ ފަށާ ތަޢުލީމުގެ ތެރެއަށް 100 އިންސައްތައާ ގާތްކުރާ އަދަދަކަށް ކުދިން ވަންނަންފަށައިފައެވެ. އަދި 2019 ވަނަ އަހަރާ ހަމައަށް އައިރު ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ ނިސްބަތް 7.6/1000 އަށް ވަނީ ދަށްކުރެވިފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް، އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން، މެޑަމް ފަޒްނާ ދިވާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު 2019 ވަނަ އަހަރު ތަޞްދީޤުކުރެއްވުމާއި ގުޅިގެން، މިހާތަނަށް އެދާއިރާއިން ކުރެވިފައިވާ ޤާނޫނީ މަސައްކަތްތަކުގެ ތަފްޞީލެއް ދެއްވިއެވެ.

މި ޤާނޫނުތަކުގެ ސަބަބުން ކުޑަކުދިންނަށް އެކުދިންގެ އަޑު އުފުލުމަށާއި އެކުދިންނަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުމުގައި ބައިވެރިވުންލިބޭ ރައްކާތެރި ޕްލެޓްފޯމެއް ޤާއިމުކުރުމަށް ލާޒިމުކޮށް އަދި ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން މަނާކުރެވި، ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި، ކުޑަކުދިންނާ ކައިވެނިކުރުން ވެސް މަނާކުރެވިފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރު އަމަލުކުރަން ފެށި ތަޢުލީމުގެ ޤާނޫނުގެ ސަބަބުން " އިންކްލޫސިވް އެޑިއުކޭޝަން" ގެ މުހިންމުކަން އެނގިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ދާއިރާއިން ރާއްޖެއަށް މިހާރު ހޯދިފައިވާ ކާމިޔާބީތައް ހޯދުނީ ޔުނިސެފްގެ އިސްދައުރެއް އެކަމުގައި ހިމެނޭތީކަން ފާހަގަކުރައްވައި އަދިވެސް މިކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން އެބަހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެތައް މިލިއަން ކުޑަކުދިންނެއް ޞިއްޙީ ޚިދުމަތްތަކާއި ތައުލީމުގެ ޙައްޤުން މަޙްރޫމު ވަމުންދާކަމަށާއި މި މައްސަލަތަކަށް ހައްލު ހޯދައި، ކޮންމެ ކުއްޖަކަށްވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ އާއި ވެކްސިން އަދި ތައުލީމު ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މުސްތަޤްބަލުގެ ޖީލުތަކާހަމައަށް ވާޞިލުވާނީ މިއަދުގެ ޖީލުތަކުން އަމަލުކުރާ ނުވަތަ ނުކޮށްދޫކޮށްލާ ކަންކަމުގެ ނަތީޖާތައްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށާއި، އެނޫންވެސް ސީދާ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް އިޖާބަދިނުމުގައި، އެކުދިންއަޑު އިއްވަން ފުރުޞަތުދީ، އެ ކުދިން ތަމްސީލުކުރެވޭކަން ކަށަވަރުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *