ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހު  ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް، މި އައިސް ޕަލާންޓަ ހުޅުއްވައިދެއްވީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މާލެއަތޮޅު ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބުރައީސް ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ.

މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފައެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ވިޔަފާރިތަކުގެ 8 ސްޓޯލެއް ޤާއިމުކޮށްފައިވާއިރު ރައީސް ވަނީ މިފްކޯ ސްޓޯލަށް ޒިޔާރަތްކުރައްވައި 5 ނިއު ޕްރޮޑަކްޓެއް ލޯންޗް ކޮށްދެއްވާފައެވެ.

މިފްކޯ ސްޓޯލްގެ އިތުރުން، އެންސިސްގެ ސްޓޯލަކާއި، ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަކާއި، މައިޒާން އިލެކްޓްރޯނިކްސްގެ ސްޓޯލަކާއި، ޓަރމޯޑިޒޭން މޯލްޑިވްސްގެ ސްޓޯލަކާއި، ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޯލަކާއި، އޫރިދޫގެ ސްޓޯލެއްގެ އިތުރުން ގާފަރުގެ ފަންނުވެރިންގެ ސްޓޯލެއް ހިމެނެއެވެ.

މީގެ އިތުރުން ރައީސް ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *