މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް ސެޓްފިކެޓް ދޭ ގޮތަށް މަސްވެރިންނަށް ވެސް ތަޖުރިބާގެ އަލީގައި ލިބޭ ސްކިލް ބޭސްޑް ސެޓްފިކެޓެއް ދިނުން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ މެނިފެސްޓޯ ގައި ހިމަނާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޕީގެ ލީޑަރޝިޕުން މިއަދު ވަނީ ތ. އަތޮޅުގެ ފަސް ރަށެއްގެ މަސްވެރިންނާ ބައްދަލުކޮށްފައެވެ. އެގޮތުން ތިމަރަފުށި، އޮމަދޫ، ވަންދޫ، ވޭމަންޑޫ އަދި ވިލުފުފުށީ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން ބޭއްވީ ތިމަރަފުށީގައެވެ.

އެ ބައްދަލުވުމުގައި ނާޒިމް ވަނީ އެމްއެންޕީގެ މެނިފެސްޓޯގައި މަސްވެރިކަން ތަރައްގީކުރުމަށް ހިމަނާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން މަސްވެރިކަމުގެ އިގްތިސާދީ ނަފާވެރިކަން އިތުރުކުރުމުގެ ގޮތުން މަސް ގަންނަ ރޭޓް -/20 އަށްވުރެ ދަށް ނުވާނެގޮތަކަށް ކަންކަން ބައްޓަންކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ..

މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ނާޒިމް ވަނީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް އިންޖީނު ދޫކުރާ ބީދައިން މަސްވެރިންނަށް ރެފްރިޖެރޭޓެޑް ސީވޯޓަރ ސިސްޓަމް (އާރުއެސްޑަބްލިއު) ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމާއި، މަސްވެރިންނަށް ޕެންޝަން އަދި އިންޝުއަރަންސް ސްކީމެއް ގާއިމްކުރުމަށް އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ މަސްވެރިކަމުގައި ބޭނުންކުރުން އިތުރުކުރުމަށް ބާރުއަޅުއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެމްއެންޕީގެ މެނިފެސްޓޯގައި ހިމެނުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި މަސްވެރިކަމަށް ހާއްސަ އެން ނުވަތަ ބެއިޓް ފިޝަރީޒް އިންޑަސްޓްރީއެއް ގާއިމްކުރުމާއި މަސް ކިރުވުމަށް ހުރި ދަތިތަކަށް ހައްލުކުރުމަށްޓަކާ ފްލޯޓިންގ ފިޝް ފެކްޓްރީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތައުލީމީ ސެޓްފިކެޓްތަކާ އެއްފަދަ މަސްވެރިކަމުގެ ދާއިރާގެ ސްކިލް ބޭސްޑް ސެޓްފިކެޓް ޕްރޮގްރާމެއް ގާއިމްކޮށް، މަސްވެރިން ރެޖިސްޓަރކޮށް ގްރޭޑް ކުރެވޭނެ ނިޒާމެއް ގާއިމްކުރުންވެސް މިކަންކަމުގެ ތެރޭގައި ހިމެނޭކަމަށް އެމްއެންޕީގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއެވިއެވެ.

އެމްއެންޕީން ބުނިގޮތުގައި އެ ޕާޓީޣެ ލީޑަރޝިޕް ތ.އަތޮޅަށް ކުރާ މިދަތުރަކީ އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އޮވެގެން ކުރާ މަސައްކަތަކަށް ހަދައި، ތ.އަތޮޅުގެ ރަށްރަށުގެ ބައެއް ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރިނެތް ގޮތް އޮޅުންފިލުވުމަށްޓަކާ ކުރާ ދަތުރެކެވެ. އަދި މިމެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް އެމްއެންޕީގެ ޓީމުތައް ދިއުމަށް ރާވާފައިވާ ކަމަށް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *