އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ، އެމް.ޑަބްލިޔު.އެސް.ސީއިން އިފްތިތާޙްކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، މަތިވެރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ސަން ޝާހު އާއި، މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން މުޙައްމަދު އަބްދުﷲ އާއި، މަތިވެރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޒަރީރު އަދި މަތިވެރި ކައުންސިލުގެ ރައީސް އަޙްމަދު އަސްލަމް އެވެ.
އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސަތްކުރުމުގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ އަގަކީ 38.83 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.